English Edition
Dhivehi Edition
ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް - ފޮޓޯ: އަވަސް

އެތައް ރައްޔިތުންތަކެއް އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބާ، ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތް ތަކުގައި ތަޅާ ހުސްކުރަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިހެން ވިދާޅުވީ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖެ މޮޅުވެއްޖެ ނަމަ، ފައިނަލް މެޗާއި ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯއެއް ބާއްވާ ގޮތަށް ރޭވިފައިވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވުމާއި ގުޅިގެންނެވެ.

ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، މޮޅުވިޔަސް ބަލިވިޔަސް ހިސާބުގަނޑު މީހުންނަށް އުޅެން އުނދަގޫވާ ޒާތުގެ ކަންކަންކޮށްގެން ނުވާނެ ކަމަށެވެ.

ޑރ. އިޔާޒްގެ އިތުރުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި މިއުޒިކް ޝޯތަކެއް ބާއްވަން ނިންމުމާއި ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ނުރުހުން ފާޅުކޮށްފައެވެ. މި ގޮތުން އަލީ ރަމީޒު ވިދާޅުވީ ކާމިޔާބު ލިބުމުން ﷲއަށް އުރެދުމުގެ ބަދަލުގައި ﷲއަށް ޝުކުރު އަދާ ކުރުން ހެޔޮކަންބޮޑުކަމަށެވެ.