އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފައިނަލުގައި އިންޑިއާ އަދި ނޭޕާލް ބައްދަލުކުރި މެޗު އިންޑިއާއިން ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި އިންޑިއާއިން 3 ލަނޑު ކާމިޔާބުކޮށްފައިވާއިރު މެޗު ނިމިގެން ދިޔައީ ނޭފާލަށް ލަނޑެއް ކާމިޔާބުނުކުރެވި 3-0 ގެ ނަތީޖާއިންނެވެ. ރޭ މެޗު ކުޅެމުންދާ އިރު، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެ ޓީމަށް ވެސް ކުޅުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއްވަނީ ފޮނުވާލާފައެވެ. މި ގޮތުން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ނޭޕާލުގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ، މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ނުލިބި 0-0 ގެ ނަތީޖާއިންނެވެ.
މެޗުގެ ދެވަނަ ހާފްގެ ހަތަރުވަނަ މިނިޓްގައި އިންޑިއާގެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ބަދަލުކޮށްފައެވެ. އިންޑިއާގެ ދެވަނަ ގޯލު ސުރޭޝްސިންގް ވަންޖަމް ކާމިޔާބުކޮށްދިން އިރު އެ ޓީމްގެ ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ސަހަލް އަބްދުލް ސަމަދުއެވެ. އިންޑިއާއިން މެޗުގެ ލީޑް ފުޅާކޮށް މޮޅު ކުޅުމެއް ދައްކާފައިވާއިރު ނޭޕާލުން ވަނީ އިންޑިއާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް ފޮނުވާލާފައެވެ. އެހެންނަމަވެސް މެޗު ނިމިގެން ދިޔައީ ނޭޕާލަށް ލަނޑެއް ޖަހާނެ ފުރުސަތެއް ނުލިބިއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު އިންޑިއާ ކާމިޔާބު ކުރީ 1-0 އިންނެވެ. އިންޑިއާ ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ދިވެހިރާއްޖެ އަތުން 3-1 އިން މޮޅުވެގެންނެވެ.