English Edition
Dhivehi Edition

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާ އަތުން ބަލިވެ ރާއްޖެ، ފައިނަލަށް ނުގޮސް ކަޓައިފިއެވެ. މި މެޗުން އިންޑިއާ މޮޅުވީ 3-1 އިންނެވެ.

މި ނަތީޖާއާއެކު އިންޑިއާ އަށް ގްރޫޕުގެ އެއްވަނަ ލިބުނީ ކުޅުނު ހަތަރު މެޗުން 8 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ނޭޕާލް އޮތްއިރު، ހަ ޕޮއިންޓާއެކު ރާއްޖެ އަށް ލިބުނީ ތިންވަނަ އެވެ. ހަތަރުވަނައިގައި އޮތް ބަންގްލަދޭޝް އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ސްރީ ލަންކާ އަށް ލިބުނީ އެއް ޕޮއިންޓެވެ. މި ފަހަރުގެ މުބާރާތް ރޭވިފައިވާ ގޮތުން ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އިންޑިއާ އިން ލީޑްނެގީ 32 ވަނަ މިނެޓުގައި މަންވީރް ސިންގް ކާމިޔާބުކުރި ގޯލުންނެވެ. އޭގެކުރީން، އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ރާއްޖޭ ޓީމަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް އިންޑިއާގެ ޑިފެންޑަރު ރާހުލް ބޭކޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ދަގަނޑޭ ޖެހި ތިންވަނަ ލަނޑެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 17 ވަރަކަށް މިނެޓުގެ ތެރޭގައި އިންޑިއާ އިން އަލުން ލީޑްނެގީ މަންވީރް ދިން ބޯޅައަކުން ޗެތުރީ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، ރާއްޖެ އަށް އެއްވަރުކޮށްދޭން ދަގަނޑޭ އަށް ލިބުނު ފުރުޞަތުގައި ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އިންޑިއާގެ ކީޕަރު ގުރްޕްރީތު ސިންގް މަތަކުރިއެވެ.

އަދި އޭގެފަހުން، މެޗުގެ 71 ވަނަ މިނެޓުގައި އިންޑިއާގެ ޕްރިތަމް ކޯޓަލް ހިލޭޖެހުމަކުން ނަގައިދިން ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޗެތުރީ ވަނީ އެ ޓީމަށް މޮޅު ކަށަވަރުކޮށްދީފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޗެތުރީ ޖެހި ހަތަރުވަނަ ލަނޑެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް، ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރުމުން ރީނދޫ ކާޑު ދައްކާފައިވާއިރު، އޭގެފަހުން މެޗު ނިމެން ދަނިކޮށް އޭނާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައިވެއެވެ. އަދި މެޗުގެ އިތުރުވަގުތުގައި އިންޑިއާގެ ޑިފެންޑަރު ސުބަޝިޝް ބޯސް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާފައިވެއެވެ.

މި މުބާރާތުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުގައި އިންޑިއާ އިން ނުކުންނާނީ ފައިނަލުގައި މުޅިން އަލަށް ވާދަކުރާ ނޭޕާލާ ދެކޮޅަށެެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 8 ޖަހާއިރު އެވެ.