މާލެ ޖަލުގައި ބަންދުކޮށްފައި ހުއްޓާ މީހަކު ނިޔާވި 46 އަހަރުގެ މ. މަލަސް/ ކ. މާލެ އިސްމާޢީލް ޝަބީންއަށް ބޭސްފަރުވާ ދިނުމުގައި އިހުމާލެއް ފެންނަން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ކުރެއްވި ސުވާލުގެ ޖަވާބުގައި ދެއްވަމުންނެވެ.މިނިންސްޓަރު އިމްރާން ވިދާޅުވީ މި މައްސަލާގައި ކަރެކްޝަންސް ސާވިސަސް އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ރިޕޯޓެއް ތައްޔާރުކުރިކަމަށެވެ. އަދި އެ މަރަކީ އެއްވެސް ފަރާތެއްގެ އިހުމާލެއް އޮވެގެން ނޫނީ ޒިންމާއެއް އަދާނުކޮށްގެން ހިނގި މަރެއް ކަމުގައި އެއްވެސް އިދާރާއެއްގެ ރިޕޯޓުގައި ފާހަގަކޮށްފައިނުވާކަމަށް އިމްރާން ވިދާޅުވިއެވެ.
އެހެންނަމަވެސް ޖަލުގައި ބޭސްފަރުވާ ދިނުމުގެ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި ޖަލުގެ ސިއްޚީ މަރުކަޒަށް ދާދި ފަހުން ވެސް ދެ ސްޕެޝަލިސްޓް ޑޮކްޓަރުން ގެނެސްފައިވާކަން އިމްރާންވަނީ ފާހަގަކުރައްވާފައެވެ.