ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އަދާކުރަން ހުރީ “ބަޢަވާތްކޮށްފައިވާ މީހެއް”ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ހުށާހަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގައި ސަލާމަތާއި އަދި ސިއްހީ ރައްކާތެރިކަމުގެ ބިލާއި ބެހޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާބަހުސްގައެވެ.
މި ސަރުކާރާއި، އަދި ހޯމް މިނިސްޓަރު އިމްރާންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ބޮންޑޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށް ދިން ހަމަލާއަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރާވައިގެން ދީފައިވާ ހަމަލާއެއްކަމަށް ތުހުމަތުކޮށްފައެވެ. ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ޖިނާއީ ކުށްވެރިއެއްކަން ފާހަގަކޮށް ބޮންޑޭ ވިދާޅުވީ އިމްރާންއަކީ ބައާވާތްކޮށްފައި ހުރި ބޭފުޅެއްކަމަށެވެ. އަދި އެއީ އެންމެ ފަހުން މަޖީދީމަގުގައި ބޮން ގޮއްވާލި ބޭފުޅާކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ އިމްރާން ރާވައިގެން ގޮއްވާލި ބޮމެއްކަމަށް ތުހުމަތުކޮށް ބޮންޑޭވަނީ މި މައްސަލަ މަޖިލީހުގެ 242 ކޮމިޓީއިން އަދިވެސް ނުބަލާކަމަށެވެ.