English Edition
Dhivehi Edition

ލޯބިވެރިޔާ ޖެކީ ބަގްނާނީ އަކީ މި އަހަރު ލިބުނު އެންމެ ބޮޑު ހަދިޔާކަމަށް ތަމަޅަ، ޓެލުގޫ އަދި ހިންދީ ފިލްމުތަކުންވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި ރަކުލް ޕްރީތް ސިންގް ބުނެފިއެވެ.

ޕްރޮޑިއުސަރު ޖެކީ ބަގްނާނީ އާއި ރަކުލް އެކުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން އޭނާ ވަނީ އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯ ހިއްސާކުރަމުން އޭނާ ވަނީ ޖެކީ އަށް ޝުކުރު އަދާކޮށް އަބަދުވެސް ދެމީހުން އެކުގައިވުމަށް އެދިފައެވެ. ” ތިއީ އަހަރެންނަށް މި އަހަރު ލިބުނު އެންމެ ބޮޑު ހަދިޔާ. އަހަރެންގެ ދިރިއުޅުމަށް ގިނަ ކުލަތަކެއް ގެނުވާ، އަހަރެންނަށް އުފާވެރިކަން ގެނެސްދީ އަބަދުވެސް އަހަރެންނާއެކު ހުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.” ރަކުލް ލިޔެފައިވެއެވެ. ރަކުލްގެ މެސެޖަށް ޖަވާބުދެމުން ޖެކީ ވަނީ އޭނާ ރަކުލްދެކެ ލޯބިވާ މިންވަރު ހާމަކޮށްދީފައެވެ. އަދި އޭނާއަށް އުފަންދުވަހުގެ ތަހުނިޔާވެސް ޖެކީވަނީ ފޮނުވާފައެވެ.

މީގެ ކުރިންވެސް ރަކުލް އާއި ޖެކީ އެކުގައި ރޭގަނޑުގެ ކެއުންތަކަށާއި ޕާޓީތަކުން ފެނިފައިވާއިރު، މިއީ މި ދެމީހުންގެ ގުޅުމުގެ ވާހަކަ މީޑިއާގައި ހިއްސާކުރި ފުރަތަމަ ފަހަރެވެ.