ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރާ މެޗުގެ ޓިކެޓު ނުލިބުމާއި ގުޅިގެން، ގިނަ އަދަދެއްގެ ބަޔަކު ގަލޮޅު ދަނޑު ސަރަހައްދުގައި މިއަދު ކުރިއަށް ގެންދިޔަ އިހްތިޖާޖަކީ ފުޓްބޯޅަ ފޯރިކަމަށް ދޭހަވާފަދަ ގޮތަކަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޓުވިޓްކުރައްވައިފިއެވެ،
މާދަމާ ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރާ މެޗުގެ ޓިކެޓު ވިއްކުމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މަކަރު ހަދާފައިވާކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި ގޮތުން ޓިކެޓު ވިއްކުމުގައި ‘ވައްކަން ކޮށްފައިވާ’ކަމަށާއި ގަޑިއެއްހާ އިރު ތެރޭ 5000 ޓިކެޓު ވިކި ހުސްވާނެ ގޮތެއް ނެތްކަމަށް މި އިހްތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން މަހްލޫފު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖޭގަ އެންމެ ގިނަބަޔަކު ސަޕޯޓުކުރާ އަދި ކުޅޭ ކުޅިވަރަކީ ފުޓުބޯޅަ ކަމަށާއި ކުރާ ހަރަދު ނިސްބަތުން ބޮޑުވަނީ އެސަބަބާހެދި ކަމަށެވެ. ނަމަވެސް މިސަރުކާރުން އެހެން ކުޅިވަރުތައްވެސް ނިސްބަތުން ތަފާތުނުުކޮށް، ހަރަދުކޮށް އަދި އެހީތެރިވާކަން އެސޯސިއޭޝަންތަށް އަދި އެތުލީޓުން ހެކިވާނެކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
ފުޓުބޯޅަ ފޯރި.
ރާއްޖޭގަ އެންމެ ގިނަބަޔަކު ސަޕޯޓުކުރާ އަދި ކުޅޭ ކުޅިވަރަކީ ފުޓުބޯޅަ،ކުރާ ހަރަދު ނިސްބަތުން ބޮޑުވަނީ އެސަބަބާހެދި.
ނަމަވެސް މިސަރުކާރުން އެހެން ކުޅިވަރުތައްވެސް ނިސްބަތުން ތަފާތުނުުކޮށް، ހަރަދުކޮށް އަދި އެހީތެރިވާކަން އެސޯސިއޭޝަންތަށް އަދި އެތުލީޓުން ހެކިވާނެ.🇲🇻 https://t.co/sRVJyDbJFm— Ahmed Mahloof (@AhmedMahloof) October 9, 2021
މަހްލޫފުގެ މި ޓުވިޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި ގޮތުން މިހާ ސީރިއަސް މައްސަލައަކަށް މިހާ ފިނި ޖަވާބެއް ދެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ވަނީ މަހްލޫފު ‘ފެއިލް’ ވެފައިވާކަމަށް ބުނެފައެވެ. މީގެ އިތުރުން ޓުވިޓާގައި މީހަކު ވަނީ ޓިކެޓު ވިއްކުމުގައި މަކަރު ހަދައި އޮޅުވާލަންޖެހުނީ ފުޓުބޯޅައަށް ކުރާ ހޭދަ ބޮޑުވެގެން ތޯ މަހްލޫފު އާއި ސުވާލުކުރައްވާފައެވެ.