English Edition
Dhivehi Edition

ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މައްސަލަ ވޭމަންޑޫ ކައުންސިލުގެ ބޮލަށް ކަނޑާލާފައި މިނިސްޓަރ އަޙްމަދު މަޚްލޫފު ސަލާމަތްވާން މަސައްކަތް ކުރައްވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) ގެ ޕީޖީ ލީޑަރ އަދި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ޢަބްދުﷲ ރިޔާޟް މިމޭރުމުން މިނިސްޓަރަށް ރައްދު ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މައްސަލާގައި މިނިސްޓަރ މަޚްލޫފާ ސުވާލުކުރެއްވުމުން މިނިސްޓަރ ދެއްވި ޖަވާބާ ގުޅިގެން ނެވެ.

2020 ވަނަ އަހަރުން ފެށިގެން ބަޖެޓު ކުރެވިފައިވާ މި މަޝްރޫޢު އަދިވެސް ފެށިފައި ނުވާތީ، މި މައްސަލާގައި ޢަބްދުﷲ ރިޔާޟް މިނިސްޓަރާ ސުވާލުކުރެއްވީ ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް 1 ޖެނުއަރީ 2023 އަށް ނިންމާލެވޭނެކަމަށް ސަރުކާރުން ކުރިން މަޢުލޫމާތު ހާމަކޮށްފައިވީ ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާތީ، އެކަން ރޭވިފައިވާ ގޮތަކާއި ނިންމާލެވޭނެ ތާރީޚާ ބެހޭގޮތުން ނެވެ.

އެހެންނަމަވެސް، އެކަމަށް ޖަވާބު ނުދެއްވައި، މިނިސްޓަރ ވިދާޅުވީ މިހާރު ވަރަށް ގިނަ މަޝްރޫޢުތައް ހިންގާކަމަށާއި މިފަދަ ބައެއް މަޝްރޫޢުތައް ކޮންޓްރެކްޓަރުން ލަސްކުރަމުން ދާކަމަށެވެ. އަދި މި މަޝްރޫޢު ވެސް އެގޮތަށް ލަސްވަމުންދާތީ، ކޮންޓްރެކްޓް ބާތިލްކޮށް ރަށު ކައުންސިލުން އިއުލާންކޮށްގެން ކުރިއަށް ގެންދަން ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލުން އެ މަސައްކަތް އިއުލާން ނުކުރައްވާ ކަމަށެވެ.

މި ޖަވާބާ ގުޅިގެން ޢަބްދުﷲ ރިޔާޒު ވިދާޅުވީ، މި މަޝްރޫޢަކީ 2020 ވަނަ އަހަރުވެސް ބަޖެޓު ކުރެވި، އޭގެ ފަހުން ކޮންމެ އަހަރަކުވެސް ޕީ.އެސް.އައި.ޕީ ގައި ހިމެނޭ މަޝްރޫޢެއް ކަމަށެވެ. އަދި މި ދައުރު ނިމެން ދާއިރު މި މަޝްރޫޢުވެސް ވެގެން މި ދިޔައީ “އަންނަނީ، އަންނަނީ” ގެ ގޮތުގައި އޮތް މަޝްރޫޢެއް ކަމަށެވެ.

މިނިސްޓްރީގައި މި މަޝްރޫޢު އެތައް އަހަރަކު ބާއްވަވާފައި، މަޝްރޫޢު ކުރިއަށް ގެންދަން އެއްވެސް ކަމެއް ނުކުރައްވައި، އެންމެފަހުން ވޭމަންޑޫ ކައުންސިލް ބޮލަށް ޖަހާފައި، މިނިސްޓަރ ސަލާމަތްވަނީ ކަމުގައި ވެސް ޢަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

ޢަބްދުﷲ ރިޔާޒު އެދިވަޑައިގަތީ ތ. އަތޮޅުގެ ޒުވާނުން އެންމެ ގިނަ ރަށަކީ ވޭމަންޑޫ ކަމަށާއި ވޭމަންޑޫ ޒުވާނުންނަށްޓަކައި މި މަޝްރޫޢު ކުރިއަށް ގެންދަވާނެކަމަށް މިގޮތަށް ޔަޤީންކަން ދެއްވާފައިވާތީ، ކައުންސިލް ބޮލުގައި އަޅުވާފައި މިނިސްޓްރީން އެކަން ދޫކޮށްނުލެއްވުމަށެވެ.