English Edition
Dhivehi Edition

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަޤާމަށް ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު އިއުލާނުކުރައްވައިފިއެވެ.

އަންނަ އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާނެކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާނުކުރައްވާފައިވަނީ ޓޮމް އެކަންޏެވެ. އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިއްލަވާކަން އިއުލާނުކުރައްވައި ފޭސްބުކުގައި ޓޮމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ މަގާމަށް ކުރިމަތިލާން ނިންމީ ދިވެހި ފުޓުބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ނަގައި ކޮޅަށްޖެހުމަށް ކަމަށެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ އަޝްފާޤު އެ މަގާމަށް ގެނައުމަށް ސޯޝަލް މީޑިއާގައި ވަނީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. މިކަމާ ގުޅޭ ގޮތުން އަލީ އަޝްފާގުގެ ބަހެއް އަދި ލިބިފައި ނުވާއިރު އިންތިހާބުގައި ވާދަކުރާނެކަންވެސް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު މި ކަމުގެ ޒިންމާ އެފްއޭއެމްގެ ރައީސް ބައްސާމް ނަގަންޖެހޭނެކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި އެފްއޭއެމް ސަލާމަތްކުރަން ގޮވައިލާ “ސޭވް އެފްއޭއެމް”ގެ ނަމުގައި ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނާއި، ކޯޗުންނާއި، ޓީމުތަކުގެ މެނޭޖަރުން ބޮޑު ހަރަކާތެއް ވަނީ ފަށާފައެވެ.