ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް 2 ދައުވާއެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބައްސާމްގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމާއި މަނީލޯންޑަރިންގެ ދައުވާއެވެ. މިއީ އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެކެވެ.
ޕީޖީ އިން ބުނީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި ތަހުގީގުތައް ނިމެމުންދާ ވަރަކަށް އިތުރު ބައިތަކާ ގުޅިގެން ދައުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކުރާނެކަމަށެވެ. އަދި މިހާރު ތަހުގީގު ކުރިއަށްގޮސްފައިވާ ހިސާބުން ދެ ދައުވާއެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.
ޕީޖީއިން ބުނީ ބައްސާމުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ކަންކަމަށް ބޭނުން ކުރުމަށް ފީފާގެ ފަރާތުން ދެމުންދިޔަ ޑޮލަރުގެ ތެރެއިން 2018 ވަނަ އަހަރުގެ ޖުލައި މަހާ އަދި އޮގަސްޓްމަހުގެ ތެރޭގައި އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއިން އޭނާގެ އަމިއްލަ އެކައުންޓަށް 10،004 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގެ ދައުވާއެވެ. އެ ޑޮލަރު ޖަމާކުރީ މާރުކުރުމަށް ކަމަށް ބުނި ނަމަވެސް އެ އަދަދަށްވާ ދިވެހި ފައިސާ އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ޖަމާވެފައި ނުވާކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޕީޖީ އިން ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރަނީ އެފްއޭއެމްގެ އެކައުންޓުން އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 1،910 ޑޮލަރު 2 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއަރ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ.