ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އދ. ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.
މި ލަގަބު ޝާހިދަށް އަރުވާފައިވަނީ މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއެވެ.
ރައީސް ސޯލިހު، ޝާހިދަށް އެ މަގާމު އަރުވާފައިވަނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުތަކުގެ ހަރުދަނާކަމުގެ ސަބަބުންނާއި އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ އަޑު އިއްޒުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވުމުގެ ކުރިން ޝާހިދު އާއި ބެހޭ ގޮތުން ގެނެސްދިން ރިޕޯޓްގައި ވަނީ، އެ މަނިކުފާނަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަން ދެ ފަހަރަށް ކުރައްވާފައިވާ ހަމައެކަަނި ބޭފުޅާކަން ފާހަގަކުރައްވާފައެވެ. އަދި ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި އެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ނިސްބަތް ކުރެވެނީ، އައްސުލްތާނުލް ގާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުން (ދޮން ބަންޑާރައިން)ނަށެވެ. ނިޝާނުގެ އިއްޒަތަކީ ގައުމީ ހިދުމަތް ނުވަތަ ބައިނަލްއަގްވާމީ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ.