ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ގައުމީ އިނާމު 3 ބޭފުޅަކަށާއި، ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި 3 ބޭފުޅުންނާއި ޖަމުއިއްޔާއަކީ:
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު އާމިރު އަހްމަދު، ފީރޯޒްވާދީ ފަރެސްއަވަށް. ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ
- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ
- ސިއްހީ ދާއިރާއިން: ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ)
- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ނަޖުމާ ހުސައިން، ގ. ނޫރީފެހި
ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 7 ބޭފުޅުންނާއި ކުންފުންޏަކީ:
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: ހައްވާ ލަތީފް، މުޝްތަރީގެ، ގއ. ދާންދޫ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު ނަސީރު، ދަނބުގެ، ހދ. ވައިކަރަދޫ
- ދިވެހި ތާރީހުގެ ދާއިރާއިން: ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސައީދު، ހުޅުމާލެ ފްލެޓް ނަންބަރު 125-G-03
- ސިއްހީ ދާއިރާއިން: މުހައްމަދު އަހްމަދު، ހުޅުމާލެ ވިނަރެސް 10A-702
- މާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- މުއާސަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން: އަރުޝަދު އަޙްމަދު، ފަހިވާ، ހއ.އުލިގަން
- ކުޅިވަރުގެ ދާއިރާއިން: އާއިޝަތު ނައުރާ، ހ. ސީޓް
- ވިޜުއަލް އާޓްސްގެ ދާއިރާއިން: އިސްމާއީލް އަބްދުލްޣަފޫރު، ހ. އަރިހިޔާ
މީގެއިތުރުން ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، އަލްމަރްހޫމް އިހްސާން ޢަބްދުލްޣަނީގެ ހަނދާނަށް ހިދުމަތުގެ ގައުމީ އިނާމު ވަނީ އަރުވާފައެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.