English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ތާރީހުން ފެންނަން ހުރި ހިތި ތަޖުރިބާތައް ތަކުރާރުވިޔަ ނުދިނުމަށް އަޒުމް އާކުރުމަށާއި، ފިތުނަފަސާދައިގެ އަމަލުތަކުން ދުރުހެލިވެ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިކަމަށް ގޮވާލެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، މީގެ 467 އަހަރު ކުރިން ޕޯޗުގީޒުންގެ އިސްތިއުމާރީ އަޅުވެތިކަމުން ރާއްޖެ މިންޖުކޮށްދެއްވި ބަތަލުންގެ ޖިހާދުގެ ހަނދާންތައް މިއަދު އާވާ ކަމަށެވެ. އަދި ބޭރުގެ ބާރުތަކުގެ ދަށަށް ރާއްޖެ ގެންދެވުނު ކޮންމެ ދަނޑިވަޅެއްގައިވެސް، އެކަމުގެ ފަހަތުގައި ގައުމަށް ހެޔޮނޭދޭ އަމިއްލަ އެދުން ބޮޑު ބައެއްގެ ހިޔާނާތް އޮތްކަން ތާރީހުން ފެންނަން އޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންމެ ދިވެހި ދަރިއެއްގެ ހިތުގައި ގައުމިއްޔަތުގެ ވިންދާއި ރޫހު ދެމެހެއްޓުމަށާއި، އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިއާރު ނެގެހެއްޓުމަށްވެސް ރައީސް މުއިއްޒު ގޮވާލެއްވިއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު ހއ. އުތީމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ އައްސުލްތާނު މުހައްމަދު ތަކުރުފާނު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ.