English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން، ހާއްސަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ހިދުމަތުގެ ގައުމީ އިނާމު، ގ. އިލާ، އަލްމަރްޙޫމް އިހްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް އަރުވައިފިއެވެ.

ދިވެހި ފުޓްބޯޅައިގެ ދަނޑުގައި “ސާންތީ” ގެ ނަމުން މަޝްހޫރުވެފައިވާ އިހްސާން ޢަބްދުލްޣަނީއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. މަޖީދިއްޔާ ސްކޫލް އަދި ޔޫތު ސްޕޯޓްސް ކްލަބުގެ ހުނަރުވެރި މިޑްފީލްޑަރެއްގެ ގޮތުގައި ފުޓްބޯޅައިގެ ތެރެއަށް ވެދެވަޑައިގެންނެވި ނަމަވެސް، ޒުވާން އުމުރުފުޅުގައި އިހްސާން ހާއްސަވެވަޑައިގަތީ ކޯޗިންގގެ ދާއިރާއަށެވެ.

ދިވެހި ފުޓްބޯޅައިގެ ތާރީުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި އިހްސާންގެ ހިއްސާ ބޮޑެވެ. އެގޮތުން 2004 ވަނަ އަހަރު އޭޝިއާގެ ގަދަބާރު، ދެކުނު ކޮރެއާ އާއި ދެކޮޅަށް ކުޅެ ރާއްޖެއިން އެއްވަރުކުރި ތާރީހީ މެޗުގައި އެސިސްޓެންޓް ކޯޗަކީ އިހްސާންއެވެ. މީގެއިތުރުން، 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ހެޑް ކޯޗުގެ އެންމެ އިސް އެސިސްޓެންޓަކީވެސް އިހްސާންއެވެ. އަދި އޭގެ 10 އަހަރު ފަހުން، ދެވަނަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އޭނާ ހުންނެވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައެވެ. ކްލަބް ފެންވަރުގައި ބަލާއިރު، ކްލަބް އީގަލްސްއަށް އައު ޒުވާން ކުޅުންތެރިން ތައާރުފުކުރައްވައި، އެ ކުޅުންތެރިންނާއެކު 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރެއްވުމަކީ އިހްސާންގެ ކޯޗިންގ ހަޔާތުގެ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

އިހްސާންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯޗިންގ ކޭމްޕުތައް ހިންގަވައި، އަތޮޅުތަކުން ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯއްދަވައި މާލެ ގެންނަވައިގެން އެ ކުޅުންތެރިން ފުޓްބޯޅައިގެ ތަރިންނަށް ހައްދަވައިދެއްވުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ހިދުމަތްތެރިއެކެވެ. އެމަނިކުފާނުގެ މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށާއި، އަންނަން އޮތް ޖީލުތަކަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައެވެ.

އިހްސާން(ސާންތީ) އަވަހާރަވީ 2025 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުއެވެ.