English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުން، ހޮސްޕިޓަލުން ޖެހި ނުބައި އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން ހާލު ދެރަވެގެން ނިޔާވެފައިވަނީ އުމުރުން 6 އަހަރުގެ އަންހެން ކުއްޖެކެވެ. މީގެ ދެ ދުވަސްކުރިން ބަނޑުގައި ރިއްސާ، ހޮނޑުލަވާތީ އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދިޔަ ކުއްޖާ ނިޔާވީ ފުވައްމުލަކު ހޮސްޕިޓަލުގެ ނަރުހުން ކުއްޖާގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ނޭވާލުން ހުއްޓިގެންނެވެ.

މި ހާދިސާއާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުޙައްމަދު ޟިރާރު ވިދާޅުވީ އެކުއްޖާއަކީ ބަނޑުގައި ރިއްސައި ހޮޑުލެވޭތީ މިއަދު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފެށި ކުއްޖެއް ކަމަށެވެ. އަދި ކުއްޖާ ނިޔާވެފައިވަނީ ސީދާ އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ބުނަން ނޭނގޭ ކަމަށް ޟިރާރު ވިދާޅުވިއެވެ.

އިތުރަށް ޟިރާރު ވިދާޅުވީ ހޮސްޕިޓަލަށް ކުރާ ތުހުމަތަކީ ރަނގަޅު ތުހުމަތެއް ކަމުގައިވާނަމަ އެކަން ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.