ފުވައްމުލަކު ހޮސްޕިޓަލުގައި މިއަދު ކުރިއަށް ގެންދިޔަ ލޮލުގެ ބަލިތަކަށް ހާއްސަ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޗައިނާގެ ސުން-ޔާތް ސެން ޔުނިވަރސިޓީގެ ޒޮންގްޝާން އޮފްތަލްމިކް ސެންޓަރުގައި މަސައްކަތްކުރައްވާ ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ފުވައްމުލަކު ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފުން ހިމެނޭ ޓީމަކުން ކުރިއަށް ގެންދިޔަ މިކޭމްޕުގައި މިއަދު 100 އަށްވުރެ ގިނަ ބަލިމީހުން ބަލާފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދިނެވެ. މީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރި ގޮތުގައި މި ކޭމްޕުގައި ބަލިމީހުން ބައްލަވައިފައިވަނީ ލޯ ފުސްވުމުގެ މައްސަލަތަކަށް ހާއްސަ ޑރ، ޗެން އަދި ރެޓިނާގެ ބަލިތަކަށް ހާއްސަ ޑރ. ޒިއަންގ އެވެ.
ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ މި ލޮލުގެ ކޭމްޕަކީ 2016 އިން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށް ގެންދަމުން އަންނަ ‘ޗައިނީސް އޮފްތަލްމިކް މެޑިކަލް އެކްސްޕާޓްސް ބްރައިޓް ޖާނީ’ ގެ ދަށުން ސިލްސިލާ ކޮށް ކުރިއަށް ގެންދާ ލޮލުގެ ބަލިތަކަށް ހާއްސަ ކުރެވިގެންދާ ކޭމްޕް ތަކުގެ ތެރެއިން ކޭމްޕެކެވެ. އެގޮތުން 2016 އިން 2022 ވަނަ އަހަރާއި ހަމައަށް ދިވެހިރާއއްޖޭގައި ޗައިނާ ސަރުކާރުގެ އެހީގެ ދަށުން މިފަދަ 3 ކޭމްޕެއް ވަނީ ބޭއްވިފައެވެ.
އަދި މިއަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލާއި ޗައިނާ ސަރުކާރު ގުޅިގެން ވަނީ އެ ހޮސްޕިޓަލުގައި ‘ޗައިނާ މޯލްޑިވްސް އައި ސެންޓަރ’ގެ ނަމުގައި ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ގާއިމުކޮށްފައެވެ. މި ސެންޓަރުން މިހާތަނަށް ޖުމުލަ 1،700 އަށް ވުރެ ގިނަ ދިވެހިން ބަލައި ބޭސް ފަރުވާކުރެވިފައިވާއިރު 140 އަށް ވުރެން ގިނަ އޮޕަރޭޝަން ކުރެވިފައިވާ ކަމަށް ޗައިނާ އެމްބަސީއިން ވަނީ ހާމަކޮށްފައެވެ.
މިހާތަނަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ލޮލުގެ ބަލިތަކަށް ބޭއްވުނު މިފަދަ ހުރިހާ ކޭމްޕެއް މާލެ ސަރަހައްދުގައި ބޭއްވިގެން ގޮސްފައިވާއިރު ފުވައްމުލަކުގައި ބޭއްވިގެން މިދިޔަ ކޭމްޕަކީ މިފަދަ ކޭމްޕްތައް ރާއްޖޭގެ އެކި އެކި ސަރަހައްދުތަކުގައި ބޭއްވުމުގެ ފެށުން ކަމުގައިވެސް ޗައިނާ އެމްބަސީއިން ވަނީ ހާމަކޮށްފައެވެ.