English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ނައިބުތުއްތު ހިނގުމުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލަތު މިހާރު ސްޓޭބަލް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އޭއޯ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ މުހައްމަދު ލިޟާރު ހާމަކުރި ގޮތުގައި ބަލިމީހާގެ ހާލު ސްޓޭބަލް ކަމުގައިވީ ނަމަވެސް ހާލަތު ގާތުން މޮނީޓަރ ކުރުމަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. މީގެ އިތުރުން ލިޟާރު ހާމަކުރި ގޮތުގައި އެކްސިޑެންޓުގެ ސަބަބުން ޒުވާނާގެ ކަންފަތުންނާއި ނޭފަތުން ލޭ އައިސްފައިވާއިރު ބޮލަށް ގެއްލުން ލިބިފައިވާކަމަށް ލަފާކޮށް އިތުރު ފަރުވާއަށް މާލެ ފުރުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މިއަދުގެ ހެނދުނު 11:30 ހާއިރު ފުރުވާލެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ލިޟާރު ހާމަކުރިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފުވައްމުލަކުގައި ދިރިއުޅެމުން އަންނަ 38 އަހަރުގެ މުޒްނިދާ މުހައްމަދު، ގދ. ވާދޫއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒްނިދާ އެކްސިޑެންޓުވެފައިވަނީ ރޭގެ ވަގުތެއްގައި ފުވައްމުލަކު ދަޑިމަގު އަވަށާއި ދިމާލުން ނައިބުތުއްތު ހިނގުމުން ދުއްވާފައި ދަނިކޮށް މަގުމަތިން ހުރަސްކުރި ބުޅަލަކަށް އެރުމަށްފަހު އެވެ. އެވަގުތު އޭނާ އާއި އެކު ސައިކަލުގައި އޭނާގެ ދަރިފުޅު ހުރި ކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ.

މި އެކްސިޑެންޓުގައި މުޒްނާގެ ދަރިފުޅަށްވެސް އަނިޔާތަކެއް ލިބުނު ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެއެވެ.