English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް - ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގެ އަމާޒަކީ ހުރިހާ ޑިޕާޓްމެންޓަކަށްވެސް ދިވެހި ޑޮކްޓަރުން ހޯދުންކަމަށް ފުވައްމުލައް ސިޓީ ހޮސްޕިޓަލްގެ މެނޭޖަރު މުޙައްމަދު ޟިރާރު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުލޭގޮތުން މައުލޫމާތު ދެއްވަމުން ޟިރާރު ވިދާޅުވީ ހޮސްޕިޓަލްގެ އަމާޒަކީ ވީހާވެސް ރަނގަޅަކަށް ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ،

މިގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ދިވެހި ޑޮކްޓަރަކު މަސައްކަތް ކުރަން ފަށާފައިވާކަން ފާހަގަކޮށް ޟިރާރު ވިދާޅުވީ މިއީ ކުޑަކުދިންނަށް ޚާއްސަ ޑޮކްޓަރެއް ގެ ގޮތުގައި، ފުވައްމުލައް ހޮސްޕިޓަލުގައި ދިވެހި ޑޮކްޓަރަކު މަސައްކަތްކުރާ ފުރަތަމަ ފަހަރުކަމަށެވެ،

އެ ހޮސްޕިޓަލުގެ އަމާޒަކީ ހުރިހާ ޑިޕާޓްމެންޓަކަށްވެސް ދިވެހި ޑޮކްޓަރުން ހޯދުންކަން ފާހަގަކުރަމުން ޟިރާރް ވިދާޅުވީ ސްކޫލް ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ކުދިންނަށްވެސް މަސައްކަތުގެ ތަޖުރިބާ ހޯދާދިނުމަށް އެ ހޮސްޕިޓަލުން ފުރުސަތު ހުޅުވާލާފައިވާ ކަަމަށެވެ. މި ގޮތުން ހޮސްޕިޓަލުގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ހާމަކުރައްވާ ޟިރާރު ވިދާޅުވީ ހޮސްޕިޓަލުގެ ޕޭޖުގައި ހުރި ފޯމް ހުށަހެޅުމުން މިކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެހިގެން ދާނެކަމަށެވެ.

ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާ ޟިރާރު ވިދާޅުވީ އަލަށް ޢިމާރަތްކުރެވެމުންދާ ލެބޯޓަރީގެ މަސައްކަތް މިވަގުތު މަޑުޖެހިފައިވީ ނަމަވެސް މި މަސައްކަތް ވީހާ އަވަހަކަށް ފެށިގެން ދާނެކަމަށެވެ. އަދި ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ޚިދުމަތެއް ލިބިގެން ދިޔުމަކީ ހޮސްޕިޓަލުގެ އެންމެ ބޮޑު އަމާޒުކަމަށް ޟިރާރު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލައް ހޮސްޕިޓަލުން މިހާރުވެސް ކުޑަކުދިންނާއި އަންހެނުންގެ ޑޮކްޓަރުންގެ ޚިދުމަތްތައް ލިބެއެވެ. އަދި ދަތުގެ ފަރުވާ އާއި ޑައިލަސިސްގެ ޚިދުމަތުގެ އިތުރުން ލެބް ޓެސްޓާ އެކްސްރޭ އާއި ސްކޭން ހެއްދުމުގެ ޚިދުމަތްތައްވެސް ލިބެއެވެ.