English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އަވަށު އޮފީހުން ދުނިޔޭގެ ހިތުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ،

ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ކުރިއަށް އޮތް 7 ދުވަހަށް ބަހާލައިގެން، ގިނަ ހަރާކަތްތަކެއް ކުރިއަށް ގެންދިއުމަށް މީދޫ އޮވަށު އޮފީހުން ނިންމާލާފައެވެ. މި ގޮތުން މި ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަވަށު އޮފީހުގެ ހުރިހާ މުވައްޒަފުންވަނީ ހިތް ރަމްޒުކޮށްދޭ ގޮތަށް ހާއްސަ ފޮޓޯ ސެޝަނެއް ބާއްވާފައެވެ. މީގެއިތުރުން އެ އޮފީހުން ބޭއްވި ހިނގާލުމުގައި ހުރިހާ މުވައްޒަފުން ބައިވެރިވެފައިވާއިރު، ސިއްހަތަށް ފައިދާހުރި ކާނާތައް ކެއުމަށް ބާރުއެޅުމުގެ ގޮތުން ވަނީ ހާއްސަ ‘ކެއުމެއް’ވެސް ބާއްވާފައެވެ.

މީދޫ އަވަށު އޮފީހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަވަށު އޮފީހުގެ ޑިރެކްޓަރު މާނާ މުންތާޒު ވިދާޅުވީ މުވައްޒަފުންނަށް ހާއްސަކޮށްގެން ގިނަ ކަންތައްތަކެއް ރޭވިފައިވާކަމަށެވެ. މި ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުޅިވަރުގެ މުހިއްމުކަން ފާހަގަކޮށް މާނާ ވިދާޅުވީ މުވައްޒަފުންގެ މެދުގައި ހާއްސަ ވޮލީ މެޗެއްގެ އިތުރުން ފެތުމުގެ ހަރަކާތާއި ބައިސިކަލް ދުއްވުން ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ފުޓް ސްޓެޕް ޗެލެންޖެއްގެ އިތުރުން، ފައިދާހުރި ރަނގަޅު ކާނާ ކެއުމަށް ބާރު އެޅުމަށް ވެސް ހާއްސަ ކަންތައްތަކެއް ރާވާފައިވާކަމަށް މާނާ ވިދާޅުވިއެވެ.

މި ހަރަކާތްތައްކާއި ގުޅޭ ގޮތުން މީދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ސޯލިހާ ވިދާޅުވީ މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ބޭތިއްބުމަށް ބާރު އެޅުން ކަމަށެވެ. އަދި ހިތުގެ ބަލިތަކާއި މެދު މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމާއި އެކު މިފަދަ ކަންކަމުގައި މުވައްޒަފުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރުންކަމަށެވެ، “މިފަދަ ދުވަސްތައް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދެހިކޮށް، މިފަދަ ދުވަސްތަކުގެ މުހިއްމުކަން އަންގާދިނުން. އަދި މުވައްޒަފުންނަށް އުފާވެރި މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުން” ސޯލިހާ ވިދާޅުވިއެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ ވޯލްޑް ހާޓް ފެޑެރޭޝަން، ޑަބްލިޔު.އެޗް.ޑީގެ އިސްނެގުމަކަށް 2000 ވަނަ އަހަރުން ފެށިގެންނެވެ.