“އައްޑޫ ސިޓީ މީދޫ އޮފީހުގައި ރެޖިސްޓްރީކޮށްގެން، ދަނޑުވެރިކަން ކުރަމުން ދިޔަ މީހެއްގެ ދަނޑު ހަލާކުކޮށްލި މައްސަލަ ހޫނުވެއްޖެ“މި ސުރުޙީގެ ދަށުން އޭއޯ ނިއުސްގައި ލިޔެފައިވާ ހަބަރުގައި ސައްހަ ނޫން މައުލޫމާތު ހިމެނޭކަމަށް އައްޑޫ ސިޓީ މީދޫ އޮފީހުން ބުނެފިއެވެ.
މީދޫ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މީދޫ ބަހާއުއްދީން މަގުގެ ޑްރެއިނޭޖް ގެ އައުޓް ފޯލް ޕައިލް އެޅުމަށް އެމްޓީސީސީގެ ފަރާތުން ވެލި އަޅައި ހަދަމުންދާ މަގަކީ، ތިމާވެއްޓަށް ކުރާ އަސަރު ބެލުމަށް އީއައިއޭ ހެދާފައިވާ މަގެއްކަމަށެވެ. އަދި މި މަގަކީ އެމްޓީސީސީ އާއި މިނިސްޓްރީ އޮފް ޕްލޭނިންގ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް އެ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ،
މީގެ އިތުރުން އޮފީހުގެ ބަޔާނުގައި ވަނީ މަގު ހަދަން ފެށުމުގެ ކުރިން އެ މަގު ހެދުމަށްޓަކައި ކަނޑަންޖެހޭ 8 ރުކާއި 2 ކަށިކެޔޮ ގަހާއި، ކަޅުހުއްތު މޭވާ ގަހާއި، ނުފޯދި ހުރި އަނބު ގަހާއި ކެޔޮ ފީންޏާއި ހުރުމުން އެތަކެއްޗަށް ބަދަލު ދިނުމުގެ ގޮތުން އެމްޓިސީސީ އާއި އެކު މީދޫ އޮފީހާއި ދެމެދު މަޝްވަރާކުރެވިފައިވާކަމަށެވެ. އަދި އަވަށު އޮފީހުން ބެލިބެލުމުން ޤާނޫން ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގައި ރުއްގަހާއި ބެހޭ ޤާނޫން)ގެ ދަށުން މީދޫ އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ރުއްގަހެއް، މަގު ހެދުމަށްޓަކައި ކަނޑަންޖެހޭ ރުއްގަސްތަކުގެ ތެރޭގައި ހިމެނިފައިނުވާތީ، މި ތަކެއްޗަށް ބަދަލު ލިބި ދިނުމަށް ޤަވައިދު ތަނެއް ނުދޭ ކަމަށެވެ. އަދި މި ނޫން ރުއްގަހެއް އެ ސަރަހައްދުން ކަނޑާފައިނުވާކަމަށް އޮފީހުން ވަނީ ބުނެފައެވެ.
އޮފިހުގެ ބަޔާނުގައި އިތުރަށް ބުނީ ޑްރެއިނޭޖް ގެ އައުޓް ފޯލް ޕައިލް އެޅުމަށް އެމްޓިސީސީގެ ފަރާތުން ވެލި އަޅައި ހަދަމުންދަނީ މީދޫ ފަޤީހު މުސާ މަގުގެ އިރުމަތީ ފަރާތްކަމަށާއި، މި މަގުހެދުމަށްޓަކައި 2016 ވަނަ އަހަރު ތެރޭގައި މަސައްކަތް ކުރެވި އެ ތަނުގައި ޖަންގްޝަންވެސް ބެހެއްޓިފައިވާކަމަށެވެ. އަދި މަގުމައްޗަށް ވާ ގޮތަށް ހުރި ތަކެތި ނެގުމަށް އޭރު ހައުސިން މިނިސްޓްރިންވެސް އަންގާފައިވާކަމަށް އެ ސަރަހައްދު ބައެއް މީހުންނާއި ހަވާލާދީ އޮފީހުން ވަނީ ބުނެފައެވެ. މީގެ އިތުރުން އޮފީހުން ބުނީ މި ސަރަހައްދަކީ ދަނޑުވެރިކަން ކުރުމަށް ބިން ދޫކޮށްފައިވާ ސަރަހައްދެއް ނޫންކަމަށެވެ.
‘އޭއޯ ނިއުސް’ އިން މިއަދު ލިޔެފައިވާ ހަބަރާއި ގުޅިގެން ރަށު އޮފީހުން ބަޔާނެއް ނެރެފައިވާއިރު އެ ހަބަރުގައި ގެނެސްދީފައިވަނީ އެ ސަރަހައްދުގައި ދަނޑުވެރިކަން ކުރަމުން ގެންދިޔަ މީހާ ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އަދި މިކަމުގެ ތަފްސީލު ހޯދުމަށް މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ އާއި ވެސް ސުވާލުކޮށްފައިވާއިރު އޭއޯ ނިއުސްގެ އިތުރުން މި ހަބަރު ވަނީ ރާއްޖޭގެ އެހެން ބޮޑެތި މީޑިއާތަކުގައިވެސް ޝާއިއުކޮށްފައެވެ.