English Edition
Dhivehi Edition
ފޮޓޯ: އަވަސް

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭން ކުރި ކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ ދިފާއުގައި ހެކި ދިން ދެ ބޭފުޅުންގެ ހެކި ބަސް ބަލައި ނުގަނެވޭނެކަމަށް ދައުލަތުން ބުނެފިއެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލައާއި ގުޅިގެން، ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭން ކުރި ކަމުގެ ކުށުގެ ދައުވާވަނީ އުފުލާފައެވެ.

މި ގޮތުން ޒިޔާދުގެ ދިފާއީ ހެކިން ގޮތުގައި ހުށަހެޅީ އޭނާއާއެކު ގިނަ ދުވަސްތަކެއް ވަން ދެން މަސައްކަތް ކުރި ކަމަށް ބުނާ އަލީ އާދަމް އާއި އެސްޖޭ ކޮންސްޓްރަކްޝަންސްގެ ފަރާތުން ޝިހާދެވެ.

މި ދެ ބޭފުޅުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާއިރު، މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދައުލަތުން ވަނީ މި ހެކިވެރިންނަކީ ޒިޔާދުއި ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމީހުން ހެކި ބަސް ދޭނީ ޒިޔާދު އާއި އެއްކޮޅަށް ކަން ޔަގީން ކަމަށާއި ހެކިބަސް ދިން މީހުންނަކީ ޒިޔާދާއި ގާތް ގުޅުން އޮތް ދެ ބޭފުޅުން ކަމުގައިވާތީ އެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށެވެ.

ޒިޔާދުގެ އިތުރުން މި މައްސަލައިގެ ދައުވާ އިސްލާމިކް މިނިސްޓްރީގެ އޭރުގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު، އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އުފުލާފައެވެ.