English Edition
Dhivehi Edition

ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ޑރ. އަލީ ޒާހިރު މިހެން ވިދާޅުވީ ”ލޮބުވެތި ނަބިއްޔާގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް އައްޑޫ ހައި ސްކޫލު ހޯލްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އިޙްޔާ ފޯރަމުގައި ތަޤްރީރު ކުރައްވަމުން ނެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އަތޮޅުތަކުގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައި ތަޤުރީރުކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޑރ. ޢަލީ ޒާހިރު އެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ ރަސޫލާގެ ސީރަތަކީ ކިޔައި، އަޑުއަހައި، ފޫހިނުވާނެފަދަ ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމެއްކަމަށެވެ.

އެގޮތުން އަޅުކަންތަކާއި، މީހުންނާއި މުޢާމަލާތުކުރައްވާ ގޮތާއި، އެކަލޭގެފާނުގެ އަޚްލާޤަށް ބައްލަވާލެއްވި އެވެ.

އިންސާނެއްގެ އަޅަކަށްވުމަކީ ނިކަމެތިކަމެއް، ދެރަކަމެއް ކަމަށާއި އެހެންނަމަވެސް މުޅި ކާއިނާތުގެވެރި އިލާހުގެ އަޅަކަށްވުމަކީ އެ އަޅަކަށް ލިބޭ މަތިވެރިކަމެއް އަދި ޝަރަފެއްކަމަށް ވިދާޅުވި އެވެ.

ޑރ. އަލީ ޒާހިރުގެ ވާހަކަފުޅުގައި ރަސޫލާގެ ޙަޔާތްޕުޅުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް އިސްކަންދެއްވާ މިންވަރު ތަފްސީލުކޮށްދެއްވި އެވެ. އަދި ރޯދަހިއްޕެވުމާއި، ޞަދަޤާތްކުރެއްވުމުގައި ޢަމަލު ކުރެއްވި ގޮތްތަކަށް ބައްލަވައި އެކަލޭގެ ފާނުގެ ޙަޔާތްޕުޅުގައި ދިމާވެފައިވާ އެކިއެކި ހާދިސާތައް ތަފްސީލުކޮށްދެއްވި އެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް ތަޤުރީރުކުރައްވަމުން، ރަސޫލާގެ ރިވެތި އަޚްލާގުފުޅަށް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވާލެއްވި އެވެ.

އެގޮތުން އެކަލޭގެފާނު އެންމެ އާދައިގެ މީހަކާ މުޢާމަލާތުކުރައްވާއިރުވެސް އެމީހަކީ ވަރަށް މުހިންމު މީހެއްކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާކަން ފާހަގަކުރައްވައި، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި އޭގެ ބައެއް މިސާލުތައް ތަފްސީލުކޮށްދެއްވި އެވެ.

އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ވިސްނައި އެގޮތަށް އަޅުގަނޑުމެން އަމަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ޢަދުލުވެރިކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަމާ މިކަންކަމަކީ ރަސޫލާގެ ކިބައިގައި އާދަޔާ ޚިލާފަށް ހުންނެވި ކަންކަން ކަމަށްވެސް ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހްމަދު ޒާހިރު ޢަލީވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް އޮންނާނީ މިމަހުގެ 31 ވާ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނަ އިޙްޔާ ފޯރަމެވެ.