އިސްލާމިކް މިނިސްޓްރީން ރަމަޟާން މަހަށް ވަމުންދާ ތައްޔާރީތައް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރަމަޟާންމަހަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވައިފި
އެގޮތުން އިސްލާމީ މަރުކަޒުގެ މިހުރާބުގޭގެ ކެލިގްރަފީގެ މަސައްކަތާއި ގޯތިތެރޭގައި މާބުލްޖެހުމުގެ މަސައްކަތާއި އިސްލާމިމަރުކަޒުގައި އިތުރުފަންކާ ހަރުކުރުމުގެ މަސައްކަތް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އަދި ރަމަޟާން މަހު ކުރިޔަށްގެންދަން ރާވާފައިވާ ދީނީ އެކި ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތު އޮޅުންފިލުވާ އެމަސައްކަތްދާގޮތް ވެސް ވަނީ ބައްލަވާ ލައްވާފައެވެ.
ނައިބު ރައީސްގެ މި ޒިޔާރަތުގައިވަނީ މިނިސްޓްރީން ކުރަމުންދާ މަސައްކަތައް ފާހަގަކޮށް ތައުރީފްކުރައްވާ ހިތްވަރު ދެއްވާފައެވެ.
ކުރީއަހަރު ތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް އިސްލާމިކް މިނިސްޓްރީން ދަނީ ރަމަޟާންމަހަށް ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ.
އެގޮތުން މިއަހަރު ވެސް ރަމަޟާންމަހަށް ޚާއްސަކޮށްގެން ދަރުސް ޕްރޮގްރާމްތައް ބޭއްވުމާއި މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ޚާއްސަ ޓީވީ ޕްރޮގްރާމްތަކާއި ކުޑަކުދިންނަށް ޚާއްސަ ޓީވީ ޕްރޮގްރާމްތައް އުފެއްދުމަށް ވަނީ ނިންމާފައެވެ. އަދި ދީނީ ހޭލުންތެރި ކުރުމުގެ ރޭޑިއޯ ޕްރޮގްރާމްތަކާއި ކޮންމެ އަހަރަކު ވެސް ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން ކުރިޔަށްގެންދާ އިޙްޔާ ފޯރަމް ވެސް މިއަހަރު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެއެވެ.
އެހެންނަމަވެސް ކުރީއަހަރުތަކާއި ޚިލާފަށް މިއަހަރު އިޙްޔާ ފޯރަމްތައް ކުރިޔަށް ގެންދަން ރާވާފައިވަނީ މާލެއިންނާއި އަތޮޅުތެރޭގެ ހަތަރު ރަށަކުންނެވެ.