English Edition
Dhivehi Edition

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު އަލީ، އަލްޙާފިޡް އަޙްމަދު ނަބީޙަށް މަރުޙަބާ ވިދާޅުވެ، ހިތްވަރުދެއްވައިފިއެވެ.

މި ރަމަޟާން މަހުގެ 1 ން 14އަށް ދުބާއީގައި ބޭއްވި ދުބާއީ އިންޓަރނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ރާއްޖެ ތަމްސީލުކުރުމަށްފަހު ނަބީޙް ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ނަބީޙަށް މަރުޙަބާ ވިދާޅުވުމަށް މިނިސްޓަރާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލް، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ، އަލްޙާފިޡް އަޙްމަދު ނަބީޙާއި ބައްދަލުކުރައްވާ ހިތްވަރު ދެއްވާ ވިދާޅުވީ ދުބާއީ އިންޓަރނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ނަބީޙް ދިވެހިރާއްޖެ ތަމްސީލުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމަށްޓަކައި ނަބީޙަށާއި ނަބީޙުގެ މަންމައަށް މަރުޙަބާ ވިދާޅުވިއެވެ.

އެ މުބާރާތުގެ އެންމެ ފަހު ބުރުގައި ވެސް ނަބީޙު ކިޔަވައިފައިވާތީ އެއީ ވަރަށް އުފާކުރައްވާކަމެއްކަން ފާހަގަކުރައްވާ މިފަދަ އިތުރު މުބާރާތްތަކުގައި ބައިވެރިވުމަށް މިނިސްޓަރ ވަނީ ނަބީޙަށް ހިތްވަރުދެއްވާފައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލް ވެސް ވަނީ ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއްގައި ނަބީޙުގެ ކިޔެވުން ފެނިގެން ދިޔުމަކީ ވަރަށް ބޮޑުކާމިޔާބީއެއްކަން ފާހަގަކުރައްވައި ހިތްވަރުދެއްވާފައެވެ.

ނަބީޙުގެ މަންމަ ވަނީ ސަރުކާރުން ނަބީޙަށް ދެއްވި މި ފުރުޞަތަށް ޝުކުރުއަދާކޮށް، ދުބާއީގައި ހޭދަވި 17 ދުވަހު، އެއްވެސްކަހަލަ ދަތިކަމެއް ނެތި އެޤައުމުގައި ދުވަސްތައް ހޭދަކުރެވުނީތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަރަށް ގާތުން ނަބީޙުގެ ހާލުބައްލަވައި، މުބާރާތުގެ ކަންކަން ހިނގަމުންދާގޮތް ބެއްލެވިކަމަށާއި މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިން ބެހެއްޓެވި ގާތްކަމާއި މިއަދު ވިދާޅުވި ހޫނު މަރުޙަބާއަށްވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.

ދުބާއީ އިންޓަރނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި އޮންނަ އުސޫލުން ދަތުރުގެ ކަންތައް ހަމަޖައްސައިދެނީ ހަމައެކަނި ކިޔަވާ ދަރިވަރަށެވެ. އެހެންނަމަވެސް ނަބީޙަކީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރަކަށްވާތީ ނަބީޙުގެ މަންމައާއި ދައްތައަށް މި މުބާރާތަށް ދުބާއީއަށް ދިޔުމާއި ހުރުމުގެ ކަންކަން ހަމަޖެއްސުމުގައި ސަރުކާރާއި ސަރުކާރު ޙިއްސާވާ ގިނަ ކުންފުނިތަކާއި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ވަނީ ލިބިގެން ގޮސްފައެވެ.