އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ޖަމާކޮށް, އެ ފައިސާ ބެހި ސްކޯސް އޮފް ލޭއާރސް (އެސްއޯއެފް)އަށް ދައުވާ ކުރާނެކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލުވަނީ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބަހާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި އެސްއޯއެފް އާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
ދައުލަތުން އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށް ވަކީލުން ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މި ވާހަކަތަކާއި ގުޅިގެން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން އެއްވެސް އިރެއްގައި ނިންމާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ ޓްރާންސެކްޝަނާއި ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޕީޖީން ޝަރީއަތުގައި ދަންނަވާފައިވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.