އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބަހާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ލޭއާރސް (އެސްއޯއެފް)އާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލުވަނީ ގެއްލިފައިވާ ފައިސާ ހޯދުމަށް އެސްއޯއެފް ކުންފުނީގެ އިސް މީހުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު ވަނީ ހިޔާނާތުގެ ފައިސާގެ މުޅި މުއާމަލާތްތައް ހިންގި އެސްއޯއެފްގެ އެކައުންޓްގައި ހުރީ ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާތޯ ސުވާލުކޮށްފައެވެ. އަދި އެކަމާއި ގުޅިގެން އެސްއޯއެފްއާ މެދު އެއްވެސް ތަހުގީގެއް ހިނގާފައިވޭތޯ ވެސް ފަނޑިޔާރުވަނީ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެސްއޯއެފްއަކީ އެ މައްސަލައިގައި ހިމެނޭ ފައިސާ ލޯންޑާ ކުރުމަށް ބޭނުން ކުރި އެއް ފަރާތް ކަމަށެވެ. އަދި އެންމެ ފުރަތަމަ އެ މައްސަލަ އޭސީސީން ތަހުގީގު ކުރިއިރު އެސްއޯއެފްގައި ޝާމިލްވާ ފަރާތްތައް ރާއްޖޭގައި ނެތްކަމަށާއި އެހެން ކަމުން އޭރު އެ ފަރާތްތަކާ ސުވާކުރެވިފައި ނުވާކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ،
އެ މައްސަލައާ ގުޅިގެން ފައިސާ ދިޔަގޮތް އެނގެން ހުރީ ހަމަ އެކަނި ޗެކްތަކުން ފައިސާ ދިޔަ ތަންތަނަށް ކަން ފާހަގަކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ ފައިސާ ދިޔަ ގޮތް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދައުލަތުން ގަބޫލުކުރާކަމަށެވެ. އަދި އެކަން ކުރެވެން އޮތީ އެ ފައިސާ ގެންދިޔަ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށާއި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި ދައުލަތަށް ގަބޫލުކުރެވެނީ އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ވުރެން އާންމު މަސްލަހަތު އޮތީ އެފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެ ފަރާތްތަކުން ދޭ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުންކަމަށެވެ. އެހެންކަމުންއެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައިވާކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ.