ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ހިނގަމުންދާ ޝަރީއަތަކާ ގުޅިގެން ބައެއް ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.
ރ. ފުއްގިރި އަދި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާއިރު، މައްސަލަ ހުށަހެޅީ އާރަށް މައްސަލާގައި ހެކިތަކެއް ބަލައިގަތުމަށް ދަށު ކޯޓުން ނިންމުމުންނެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުން ބަދަލުކުރުމަށް އެދި ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އެހެން ނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ އެ މައްސަލައަކީ އެ ކޯޓަށް ބަލައިގަނެވެން ނެތް މައްސަލައެއް ކަމަށެވެ. މިއާއެކު، ހެކިތައް ބަލައިގަތުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ހުއްޓުވުމަށް އެޅި ހުރަސް ވަނީ ނާކާމިޔާބުވެފަ އެވެ.
ހައިކޯޓުން މި އިސްތިއުނާފު ބޭރުކޮށްލިއިރު، ފުއްގިރީގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ. އެ މައްސަލައިގެ ހުކުމް އިއްވުން މިދިޔަ ހަފުތާއަށް ތާވަލުކުރުމަށް ފަހު، މިހާރު ވަނީ އެހެން ތާރީހަކަށް ފަސްކޮށްފަ އެވެ.
އާރަށް މައްސަލާގައި މީގެ ކުރިން ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ހައިކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. އަދި އެ މައްސަލަ އަލުން ބެލުމަށްޓަކައި ހައިކޯޓުން އަމުރުކޮށް، އަނބުރާ ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފަ އެވެ.