އިއްޔެ ނިމިގެން ދިޔަ މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިހާބަކީ މިހާތަނަށް އެ ޕާޓީން ބޭއްވި އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރިކަން ބޮޑު އިންތިހާބެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެދުގައި އުފެދިފައިވާ ހިޔާލުތަފަތުވުންތަކާއެކު، ޕާޓީގެ މެމްބަރުން ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. ކޮންމެ ފެކްޝަނަކުންވެސް ގަދަ ހިތްވަރާއެކު އިންތިހާބުގެ މެޖޯރިޓީ ނެގުމަށް މަސައްކަތްކުރަމުން ދިޔަ މަންޒަރު ފެނިގެން ދިޔައިރު، އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހޫނު ހަމާލަތައްވެސް ދިޔައީ ބަދަލުކުރުމުންނެވެ. އިންތިހާބުގެ ކެމްޕެއިން އިން ފެށިގެން ވޯޓުލުމާ ހަމައަށްވެސް ފެނިގެންދިޔައީ ދެ ފެކްޝަންގެ މެދުގައި އޮތް ވާދަވެރިކަމެވެ. މި އިންތިހާބަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އިތުރުން ބަރުލަމާނީ ނިޒާމާއިވެސް ވަރަށް ބޮޑަށް ގުޅިފައިވާ އިންތިހާބެއް ކަމުން ކޮންމެ ފެކްޝަނަކުންވެސް ބޭނުންވީ އިންތިހާބު ކާމިޔާބުކުރެވެން އޮތް ކޮންމެ އުކުޅެއް ބޭނުންކޮށްގެން ވެސް އިންތިހާބު ކާމިޔާބުކުރުމެވެ،
އެހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީގެ ވޯޓާސް ލިސްޓުގައި ހިމެނިފައިވުން:
އެމްޑީޕީ އަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އިލެކްޝަން ކޮމިޝަންގައި, 30 ޖޫން 2021ގެ ނިޔަލަށް ޕާޓީގައި 53.139 މެންބަރުން ރަޖިސްޓްރީވެފައިވާއިރު މިއީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކުރި އިރު 93،000 މީހުންނަށް މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެމްޑީޕީން މި އިންތިހާބުގައި ބަލަނީ އެމްޑީޕީގެ ދަފްތަރުގައި ތިބި މީހުންނަށް ކަމުން މި އިންތިހާބުގައި އެ ޕާޓީއަށް ނިސްބަތްނުވާ 39,861 މީހުން ވަނީ ލިސްޓުގައި ހިމަނާފައެވެ. މި މީހުންނަކީ ޕީޕީއެމްގެ ނުވަތަ ރާއްޖޭގެ ކޮންމެވެސް އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުންނެވެ. އަދި މި ލިސްޓުގައި ވަކިކޮޅަކަށް ތާއިދުނުކުރާ މީހުންވެސް ހިމެނިފައިވެއެވެ.
އެހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީގެ ވޯޓާސް ލިސްޓުގައި އޮންނަ ސަބަބު:
އެމްޑީޕީއިން މިހާތަނަށް ބޭއްވި އެތެރޭގެ ގިނަ އިންތިހާބުތަކުގައި، ވޯޓު އިތުރުކުރުމަށް ކެންޑިޑޭޓުން ވަނީ އެހެން ޕާޓީތަކުގެ ގިނަ ބަޔަކު އެމްޑީޕީއަށް ވައްދާފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެ ޕާޓީގައި ތިބި 39,861 މީހުންނަކީ ކޮންމެވެސް މީހަކަށް ވޯޓު ދިނުމަށް އެމްޑީޕީއަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.” އަހަންނަކީ އެއްވެސް ޕާޓީއަކަށް ތާއިދުކުރާ މީހެއް ނޫން. ބޭބެއަކަށް ވޯޓު ދިނުމަށް އެމްޑީޕީއަށް ސޮއިކުރީ. ސޮއިކުރި ދުވަހުވެސް ބުނި އިލެކްޝަންގައި ރަޖިސްޓްރީ ނުވާނޭ. ވޯޓުލާ ނިމުމުން އެމްޑީޕީގެ ރަޖިސްޓްރީންވެސް ނަން އުނިކޮށްދޭނަމޭ. ހީކުރީ އެއްވެސް ޕާޓީއެއްގަ ނޮއޮންނަކަމަށް. އެކަމަކު މި ފަހަރު އިންތިހާބުގައި ކެންޑިޑޭޓަކު ގުޅުމުން އެގުނީ އަދިވެސް ނަން އެބައޮތްކަން” އިއްޔެ ވޯޓު އަޅަން ދިޔަ މީހަކު ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބުންޏެވެ. ހަގީގަތުގައިވެސް މިއީ އެމީހަށް އެކަނި ދިމާވި މައްސަލައެއް ނޫންކަން އެގިގެންދަނީ ސޯޝަލް މީޑިއާއަށް ބަލާލުމުންނެވެ. ގިނަ މީހުންނަށް އެމީހުން އެމްޑީޕީގެ ދަފްތަރުން ކަނޑާފައިނުވާކަންވެސް އެނގިގެންދަނީ ވޯޓާސް ލިސްޓު އާންމުކުރުމުންނެވެ.
ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ދާއިމީ ލިސްޓު އާންމުކުރުން:
އެމްޑީޕީއިންވެސް ވަނީ އިންތިހާބުގެ ކުރިން ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.11 ސެޕްޓެމްބަރ 2021ގައި އިޢުލާނުން ޢާންމުކުރި މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ޝަކުވާތަކާއި އިންތިޚާބާ ބެހޭ ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ 18 ސެޕްޓެމްބަރ 2021 ގައެވެ.
މިގޮތުން، މިލިސްޓް ފައިނަލްކުރުމުގައި މައިގަނޑު 3 ކެޓެގެރީއެއްގެ މީހުންގެ ޝަކުވާއަށް ރިއާޔަތްކުރެވިފައިވާ އިރު، އެ ކެޓެގަރީތަކަކީ
(ހ)- ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކުގެ ނަން އުނިވެފައިވާ ކެޓެގެރީ
(ށ)- ޕާޓީގެ މެންބަރުން ނޫން އެހެން ފަރާތްތައް މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީ
(ނ)- އެހެން ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނަން އުނިކުރެވިފައިވާ ފަރާތްތަކުގެ ކެޓެގެރީ
ދާއިމީ ލިސްޓުގައިވެސް އެހެން ޕާޓީތަކުގެ މެމްބަރުން:
އެމްޑީޕީއިން ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އިއުލާންކުރި އިރުވެސް އެ ލިސްޓުގައި އެމްޑީޕީއަށް ނިސްބަތްނުވާ އަދި އިދިކޮޅު ޕީޕީއެމް އާއި އެހެން ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުންގެ ނަން ހިމެނިފައިވެއެވެ. އޭގެ ތެރެއިން ގިނަ މެމްބަރުންނަކީ އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ޕީޕީއެމްއަށް ނުވަތަ ސީޔާސީ އެހެން ޕާޓީއަކަށް ސޮއިކޮށްފައިވާ މީހުންނެވެ. ރަށުގައި ބާއްވާ ސިޔާސީ ހަރަކާތްތަކުގައި އެމްޑީޕީ އާއި ދެކޮޅަށް ނުކުންނަ މެމްބަރުންނެވެ. އެމްޑީޕީގެ ދާއިމީ ލިސްޓު އާންމުކުރުމާއެކު އެންމެ ބޮޑަށް ޖެހުނު އެއް މައްސަލައަކީ އިދިކޮޅު ޕީޕީއެމް ގެ އިސް ސަފުގައި ހިމެނޭ މެމްބަރުން ލިސްޓުގައި ހިމެނިފައިވުމުގެ ޝަކުވާއެވެ. ހާއްސަކޮށް ޕީޕީއެމް ސްލޮޓްގައި އިންތިހާބީ މަގާމުތަކަށް ހޮވިފައިވާ މެމްބަރުން ހިމެނިގެން ދިއުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންޕާޓީތަކުގެ މެމްބަރުން ޝަކުވާ ހުށަނޭޅުން:
ތިމާމެން ތާއިދުނުކުރާ ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ނަން ހިމެނިފައިވާނަމަ، އެ ނަން އުނިކުރުމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވެއެވެ.މި އިންތިހާބުގެ ކުރިންވެސް އެ ފުރުސަތު ހުރިހާ ފަރާތްތަކަށް ލިބިގެން ދިޔައެވެ. އެހެންނަމަވެސް ވޯޓުލާ ދުވަހާއި ހަމައަށްވެސް ނަން އުނިކުރުމަށް ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައެއް ނުވެއެވެ.
އެމްޑީޕީގެ ބަސް:
މި އިންތިހާބުގައި އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން ހާއްސަކޮށް ޕީޕީއެމް މީހުންގެ އެންމެ ބޮޑު އެއް މަގްސަދަކީ އެމްޑީޕީ ބައިބައިކޮށްލުންކަމަށް އެމީހުން ތުހުމަތު ކުރެއެވެ. ވޯޓުލާ މަރުކަޒުތަކުގައިވެސް ޕީޕީއެމް ގެ އިސް ފަރާތްތައް ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނިގެން ދިޔައިރު، ބައެއް ރަށްރަށުގައި، ދެ ޕާޓީގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައްވެސް ވަނީ ބަދަލުކޮށްފައެވެ. ޕީޕީއެމް މެމްބަރުން ވޯޓުލާން ނުކުތީ އެމްޑީޕީ ބަލިކަށިކޮށް އެ ޕާޓީގެ އެތެރޭގެ މަޝްރަހު ހޫނުކުރުމަށްކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު ބައެއް މީހުން ވަނީ މިއީ ‘ސިޔާސީ ގޭމެއް’ ކަމަށް ތުހުމަތުކޮށްފައެވެ. މި ގޮތުން ޕާޓީގައި އުފެދިފައިވާ ދެ ފެކްޝަންގެ ހަމަނުޖެހުންތައް އިތުރަށް ބޮޑުކޮށް، ރައީސް ނަޝީދުއަށް ތާއިދުކުރާ ކެންޑިޑޭޓުން އިންތިހާބުކޮށް ސަރުކާރު ބަލިކަށިކޮށްލުމަކީ ޕީޕީއެމް ބައެއް މެމްބަރުންގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ، އަދި ވޯޓުލާ މީހުންގެ ލިސްޓުން ނަން އުނިކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ޕީޕީއެމް އިން ނުކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމުގައި އެމްޑީޕީއިން ތުހުމަތުކުރެއެވެ.
ޕީޕީއެމްގެ ބަސް:
އިއްޔެ އިންތިހާބުގައި ވޯޓުލާން ދިޔަ ޕީޕީއެމްގެ ގިނަ މެމްބަރުންނަށް، އެމްޑީޕީގެ ފުރައްސާރަ އާއި ކުރިމަތިލާންޖެހުނު އިރު ޕީޕީއެމް މެމްބަރުން ވަނީ ވޯޓުލާން ނުކުތީ ލިސްޓުގައި ނަން އޮތުމުގެ ސަބަބުން ގުޅާ ‘އާދޭސްކުރާ’ ވަރުން ކަމަށް ބުނެފައެވެ. އަދި އެމީހުން އެމްޑީޕީގެ ލިސްޓުގައި އޮތީ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރާ ކޮންމެވެސް މީހަކު އެމީހުން ޕާޓީއަށް ވެއްދުމުން ކަމަށާއި، އެތެރޭގެ އިންތިހާބުތައްވެސް ޕީޕީއެމް އާއި ނުލާ އެމްޑީޕީ އަށް ކާމިޔާބުނުކުރެވޭނެކަމަށް ބުނެފައެވެ. މީގެ އިތުރުން ޕީޕީއެމް މެމްބަރުން ވަނީ އެމީހުންނަކީ އެހެން ޕާޓީތަކުގެ މެމްބަރުންކަން އެގޭއިރުވެސް ލިސްޓުން އުނިނުކޮށް އޮތީ އެމްޑީޕީއިންވެސް އެކަން ކުރަން ބޭނުން ނުވާތީކަމަށް ބުނެފައެވެ.
ދެ ޕާޓީގެ މެމްބަރުންނާއި ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކާއެކު އިއްޔެ އެމްޑީޕީގެ އިންތިހާބު ނިމިގެން ދިޔައީ ޕީޕީއެމް އާއި އެހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ހިއްސާ އާއި އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނަށް މެޖޯރިޓީ ލިބިގެންނެވެ.
އެމްޑީޕީ މެމްބަރުންގެ އެންމެ ބޮޑު ޝަކުވާއަކީ އިންތިހާބުގައި ޕާޓީއަށް ނިސްބަތްނުވާ މީހުން ވޯޓުލުމުގެ ޝަކުވާއެވެ. އެހެން ޕާޓީތަކުގެ މީހުން އިންތިހާބު ‘އޮޅުންބޮޅުން’ ކުރާކަމުގެ ޝަކުވާއެވެ. ޕީޕީއެމްގެ ވާހަކައަކީ ލިސްޓުގައި ނަން އޮންނަހާ ދުވަހަކު ވޯޓުލާން ނުކުންނާނެ ވާހަކައެވެ. އެހެން ޕާޓީތަކުގެ މެމްބަރުންގެ ވޯޓު ބޭނުން ނުވާނަމަ ލިސްޓު އިސްލާހުކޮށް ހަމައެކަނި އެ ޕާޓީގެ މެމްބަރުން ލިސްޓުގައި ހިމެނުމެވެ. ދެ ޕާޓީގެ މީހުންވެސް އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެއީ އިލެކްޝަންގެ ލިސްޓަށް ބަލައިގެން ޕާޓީގެ މެމްބަރުންގެ ލިސްޓު އިސްލާހުކުރުމެވެ.