English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިންކަމަށް އެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހްމަދު އަދުހަމް އެއްބަސްވެއްޖެއެވެ.

އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާގައި، އައިއީޑީ ގޮއްވާލި އަދުހަމުގެ މައްޗަށް ކުރާ ދައުވާތަކަށް އޭނާ ވަނީ މިއަދުގެ ޝަރީއަތް ފެށުމާއެކު އެއްބަސްވެ އިއުތިރާފުވެފައެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ގެ އިތުރުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާތަކަށް އަދުހަމު އެއްބަސްވެފައި ވަނީ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދައި އޭގައިވާ ގޮތަށެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 40 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އެ ހުކުން ލުއިކޮށްފައި ވަނީ 23 އަހަރަށް ޖަލަށް ލުމަށެވެ.