ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ޑޮލަރުގެ އަގު ތިރި ނުވަނީސް ރާއްޖޭގައި މިހާރު ހިނގަމުންދާ އުމްރާނީ ހުރިހާ މަޝްރޫއުތަކެއް މެދުކަނޑައިލަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި އިތުރު އެއްވެސް ހަރަދެއް ކުރުން މިވަގުތު ރަނގަޅެއް ނޫން ކަމަށެވެ. އަދި ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓްތައް ރަށު ކައުންސިލްތަކާ ހަވާލުކުރުން ބުއްދިވެރިވާނެ ކަމަށް ވެސް ނަޝީދު ލަފާދެއްވިއެވެ.
“އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓައިލަން ޖެހޭ، ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓްތައް ރަށު ކައުންސިލާ ހަވާލުކުރުން ރަނގަޅުވާނެ. ކައުންސިލުތަކުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގުތައް ދައްކައިގެން މަޝްރޫއުތައް ނިންމޭނެ،” ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
މި ދަނޑިވަޅަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ޑޮލަރުގެ މައްސަލައިގައި އިދިކޮޅު އެމްޑީޕީން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަމުންދާ ވަގުތެކެވެ. ދާދިފަހުން އެމްޑީޕީން “ޑޮލަރެއް ނެތް” ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ އެއްވެސް ގައުމަކުން މި ސަރުކާރަށް ޑޮލަރެއް ހޯދިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ އެތެރޭގައި ހުރި ޑޮލަރުތައް ހަރަދުކުރަނީ ސަރުކާރުގެ ބޭނުންނުވާ މަޝްރޫއުތަކަށާއި އިސްރާފުތަކަށް ކަމަށް އަމީރު ތުހުމަތު ކުރެއްވިއެވެ. އަމީރު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ޑޮލަރެއްގެ އަގު ވަނީ 21 ރުފިޔާއަށް އަރައިފައެވެ.