ސަރުކާރުން ބާރުތައް މަރުކަޒީ ކުރަމުންދާ ކަމަށް ބުނެ ފާޑުވިދާޅުވަމުން، ޕީއެންސީގެ މެންބަރުން އެ ބޭފުޅުންގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ މެންބަރުން މިއަދު ހިތާމަކުރައްވަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި އިސްލާހު ގެނައުމުގައި އަމަލުކުރި ގޮތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީއަށް މިފަދަ ބޮޑު ބަދަލެއް ގެނައީ މަޖިލީހަށް ހުށަހެޅި ދުވަހު ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން ކަމަށެވެ. މިއީ މެންބަރުންގެ މިނިވަންކަމަށް އެޅުނު ހުރަހެއް ކަމަށާއި، މިކަމުގެ ސަބަބުން މެންބަރުންގެ ބާރު ކެނޑިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލުތަކާއެކު ސަރުކާރުގެ ބާރުތައް ވަރުގަދަވެފައިވީ ނަމަވެސް، މިއީ ގައުމުގެ ޑިމޮކްރެޓިކް އުސޫލުތަކާ ބީރައްޓެހި ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ ހިންގުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.