English Edition
Dhivehi Edition

ރީމާ އޮފީހުގައި ކުރަންހުރި މަސައްކަތް ނިންމާލާފައި ޗުއްޓީއެއް ނެގިއެވެ. އެމްޑީ ގާދިރު ވަރަށްވެސް އުފާވެރި ރާގެއްގައި ބުންޏެވެ.

“ރީމާ އަހަރުމެން ހީކުރި ވަރަށްވުރެން އަވަހަށް ސެޓްލައިޓަށް ސިގްނަލް ގުޅާ ނިންމާލީތީ އަހަރެން މިހިރީ ވަރަށް އުފާވެފަ.” އަދި ގޮނޑިން ތެދުވެ ސަލާމް ކޮށްލާފައި ބުންޏެވެ. ” އުފާވެރި ދަތުރަކަށް އެދެން. މުޅިން ރަނގަޅު ވަންދެން ޗުއްޓީގައި ހުރޭ. އޮފީހުން އެކަމަކަށް އެއްވެސް ހުރަހެއް ނެތް. ރީމާގެ ޕްރޮޖެކްޓް މިވަނީ ނިމިފައި.”

ރީމާ ފުރައިގެން ދިޔައީ ސާޖިދުއާމެދު މި ދިޔަ ދުވަސްތަކުގައި ކުރެވުނު ޚިޔާލުތަކާއި އުފެދުނު ފޮނި ޝުއޫރުތަކަށް އަބަދަށްޓަކައި އަލްވަދާއު ކިޔަމުންނެވެ. އެ އަގެއްނެތް ފޮނި އުންމީދުގެ ހުޅުކޮޅު މިހާ އަވަހަށް ނިވި ދިއުމުން އޭނާގެ ހިތަށް ލިބުނު އަނދިރިކަމާ ދުރަށް ދިއުމަށެވެ. ބޭކާރު އަގެއްނެތް އެ އިހްސާސްތައް ތަކުރާރު ވާނެ ފުރުސަތެއް އަލުން ނުދިނުމަށް އަޒުމު ކަނޑައަޅަމުންނެވެ.

ޗެޕްޓަރ 2

ޕާރލް އައިލެންޑްގެ އެންމެއަގުބޮޑު ސުއީޓްގައި ޒިލްމާއާއި ސާޖިދު އެކަކު އަނެކެއްގެ ހަށިގަނޑުގެ ހޫނުކަމުގެ ހިމާޔަތުގެ ތެރޭގައި ތިއްބެވެ. ޒިލްމާލޮލުން ރަންމުތެއްގެ އަލިކަން ފާޅުވަމުން ދާއިރު ސާޖިދުގެ ލޮލުގައި ވިދުވަރެއް ނެތްކަން ޒިލްމާއަށް އެނގެއެވެ. ރީމާގެ ކާރީގައި ސާޖިދު ހުންނައިރު އެފެންނަކަހަލަ ތަބީއީ ތާޒާކަމެއް އޭނާގެ ފުރާނައިގައިވެސް ނުވާކަހަލައެވެ. އޭނާވަނީ ސާޖިދުއާ ކިތަންމެ ކާރީގައިވީ ނަމަވެސް ސާޖިދު އެވަނީ އޭނަޔާ އެންމެ ދުރުގައެވެ. ކަރުދާހުގެ ފިނިފެންމަލެއްގައި ކިތަންމެ ރީތިކުލައެއްހުއްޓަސް އަސްލުމަލެއްގައި ހުންނަފަދަ އުޖާލާ ކަމެއް މީރު ވަހެއް ނުހުންނާނެއެވެ. ލޯބިން ފުރާނަ އެޅިފައި ނެތަސް ސާޖިދުގެ ނަފްސް މިހާރުއެވަނީ އޭނާގެ މިލްކުގައި ކަމުން ޒިލްމާގެ ހިތަށް އެހާވަރުން ފުދެއެވެ. ޒިލްމާ އަދިވެސް ބޮޑަށް ސާޖިދުގެ ލޯބީގެ ހޫނުކަމުގެ ފުންކަމުގެ ތެރެއަށް ފީނައިގެންފިއެވެ.

ވިސާރަ މޫސުމުގެ ފުރަތަމަ ދުވަސްކޮޅު މާގިނަދުވަހަކު ދެމިއޮންނަ ގޮތެއްނުވިއެވެ. އެހެންކަމުން އެތަކެއް ދުވަސް ވަންދެން ވެހެމުން ދިޔަ ވާރޭ ހުއްޓާލިއިރު އުޑުމަތިވަނީ ދޮވެވި ސާފުވެފައެވެ. އެހެން ކަމުން އުދަރެހުން ފެންނަނީ މާ ރީތި ނޫކުލައަކުން ކުލަ ޖެހިފައިވާތަނެވެ. އެއާއެކު ހުދު ވިލާތައް ވެސް ކޮޅުކޮޅު ރީމާ ފެނުމުން އެންމެ ބޮޑަށް އުފާވީ ހަމަގައިމުވެސް އޭނާގެމާމައެވެ. އުފަލުންގޮސް އެމުސްކުޅި ދެލޯކަރުނައިން ފުރިގެންދިޔައެވެ. ކަރުނައިގެ ފުސްކަމުގެ ތެރޭން އޭނާގެމާމަ ދަރިފުޅު ރީމާ އެހާ ބޮޑުވެފައި ވާތަން ބަލަމުން ދިޔައެވެ. ރަށުން ފުރައިގެން ދިޔައިރު ވެއްޓިފައި ނުފަޅާ ހުރި ދަތްތައް މިހާރު އެތުރިފައި ހުރި ލެއް ރީތިކަން ފެނުމުން މާމައަށް އުފާވެރި ހައިރާން ކަމެއް ލިބުނެވެ. “މީ އަފިރިންގެ ރީމާ ދިޔައި؟ ” މާމަ އުފަލުންގޮސް ރީމާ އުރާލަން އުޅުނެވެ. “މާމާ ކެހެނަކައް މިކޯ އުރާނެއި.” ރީމާ ހެމުން ހެމުން ބުންޏެވެ. އެކަމަކު މާމައަދިވެސް ތިހިރީ

އަހަރެން ދިޔައިރުވެސް ހުރިގޮތަށް. ތަފާތަކީ އޭރު ދަތްނެތީ އަހަރެންގެ އަނގައިގައި.”

މާމަ ހީގަތްއިރު މަތީ ދަތްޕިލައިގައި އެންމެ ދަތެއްވެސް ނެތެވެ. ހުރީ ކޮލުގައި ހުރި ދެތިން ދަތެކެވެ.

ރައްޓެހިންނާ ތިމާގެމީހުން އައި ނައި ތަނެއްވެސް ނޭގި އަންނަން ފަށައިފިއެވެ. ފެންނަކޮންމެ މީހެއްގެ މޫނުމަތީން ފެންނަ ހިނިތުންވުމުން އެކަނިވެސް ރީމާގެ ހިތުގައި ހުރިނުތަނަވަސް ކަން ދޮވެވި ސާފުވެގެންދިޔައެވެ. ސާޖިދުގެ ވަކިވުމުން ފާރުވެފައިހުރި ޒަޚަމްތައް ފަސޭހަވެ ލުއިވާން ފަށައިފިއެވެ.

ގަމުގައިބާއްވާފައިއޮތް ޑްރީމީނައިޓްސް ކާނިވަލަށް ރީމާދިޔައީ އުފާވެރިކަމުގެ އިންތިހާއަށް އުފާވެލުމަށެވެ. އެކާނިވަލް ތައްޔާރު ކޮށްފައިވަނީވެސް އެ ބޭނުމުގައެވެ. ތަން ހަދާފައިވަނީ ހުރހާ ގޮތަކުންވެސް ހުވަފެނީ ރޭތަކެއް ސިފަވެގެންދާނެ ހެންނެވެ. ބަދަލުވަމުންދާ ކުލަ އަލިތަކާއި މިއުޒިކުގެ ރާޅުބާނިތަކެވެ. ތަނުގެ މާހައްލުގައި ހިތާމައަކަށް ކުޑަވެސްޖާގައެއްނެތެވެ. މާމަލުން ޒީނަތްތެރިކުރެވިފައިވާ ގަސްގަހާގެއްސެވެ. ހަމަހިމޭންކަން ބޭނުން މީހުންނަށްޓަކައި އެކަނިވެރި ގޮނޑިތަކެވެ. ގަސްތަކުން ފަރުދާކުރެވިފައި މިނިވަންޖަންގައްޔެކެވެ. މަޖާކުރުމާއި ސަމާސާއަށް ކަނޑައެޅިފައިހުރި ހިސާބު ވަނީ ދިއްލާއަޅާފައެވެ. އަވަސްމިއުޒިކްގެ ބޭންޑެއްގެ ރާގުތަކަށް ނަށަންތިބި ޒުވާނުންތަކެއްގެ ހޭވެރިކަމެއް ނެތެވެ. ކުޅިވަރުތަކުގައި ބައިވެރިވެގެން އެހެން ދުނިޔެއަކަށް ގެއްލިފައިވެސް އެތައްބައެކެވެ.

މާދުރުގައި ހަމަހިމޭން ތަނެއްގައި ގަހަކަށް ލެނގިލައިގެން ހުރިޒުވާނެއްގެ ވަށައިގެން އެކިއުމުރުގެ މީހުން އެނބުރެމުންދާތަން ރީމާއަށް ފެނުނެވެ.

ޑޮކްޓަރ ޒިޔާން! ރީމާއަށް ބުނެލެވުނެވެ.

ޒިޔާންއަށް އެތަނުން ދުރަށް ދެވޭވަރެއްނުވެއެވެ. ކޮންމެވެސްމީހެއްގެ ފައިގާރިއްސާވާހަކައެވެ. އަނެކެއްގެ ކަންފަތްހިރުވާ ވާހަކައެވެ. ފައިގެނިޔަފަތީގެ ކަނަކަށް ތަދުވާވާހަކައެވެ.

އެންމެނަށްވެސް އެނގެނީ ޒިޔާންއަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ޑޮކްޓަރކަމެކެވެ. އެއަތޮޅުގެ ފޭދޫގެ ދަރިއެއް ކަމެވެ. އެކަމާ އެއްބަޔަކު ފަޚްރުވެރިވާއިރު އަނެއްބަޔަކު ދެރަވަނީ ޒިޔާންގެ ޚިދުމަތް ރަށަށް ލިބެންފަށާ ލެއްލަސް ވާތީއެވެ.

ޒިޔާންއަށް ރީމާފެނުމުން އެމީހުން ކިބައިން ސަލާމަތްވާނެ ފުރުސަތެއް ލިބިއްޖެއެވެ.

“އަހަރެން މިރަށަށް އައިސް މިހިރީ މިތަނުން ރީމާފެންނާނެ ކަމަކަށް ނޫން.” ޒިޔާން އައިސް ރީމާގެ އަތުގައި ހިފަހައްޓައިގެން އޭނާގެ ގޭމީހުންނާ ދުރަށް ގެންދަން ފަށައިފިއެވެ. “މިއަށްވުރެން ހަމަހިމޭން ތަނަކަށް ދާން ހިނގާ ބަލަ.”

ރީމާއޭނާގެ މަންމައަށް ބަލާލިއިރު އެމީހުން ހީނލާފައި އެހެންދިމާއަކަށް ދަނީއެވެ. ޑޮކްޓަރ ޒިޔާން ނުދަންނަ އެއްވެސް މީހަކު އެއަތޮޅުގައި ނެތްކަން ރީމާއަށް އެނގުނެވެ.

“އަހަރެންމިހިރީ މައާފަށް އެދޭނެ ފުރުސަތެއް ނުލިބިފަ” އެކަނިވެރި ހިލަ ގޮޑިއެއްގައި ދެމީހުން އިށީނުމަށްފަހު ރީމާބުންޏެވެ. “އަހަރެން ގުޅާވެސްލިން. ޒިޔާން ދުރުވީ މިރަށަށް ކަމަކަށް އެނގިފައެއްނެތް.”

“އެއްޗެއް ބުނާނެ ފުރުސަތެއް ކަލޭދިން ތަ.” ޒިޔާން އާދައިގެ ގޮތެއްގައި ބުންޏެވެ. “ކަލެއަށް އަހަރެން ފެންނަނީ ބިރުވެރި ޑޮކްޓަރެއްގެ ސިފައިގަ ކަން އަހަންނަށް އެނގޭ.” ޒިޔާންގެ ލޮލުގައިވާ ނޫކުލަ މިރޭ ވަކީން ގަދަހެން ރީމާއަށް ހީވިއެވެ. “ކަލޭގާތުން އަހަން ބޭނުން ސުވާލެއްވެސް އަހާކަށް ނުކެރޭ އެކަމާ ހެދި.”

“ސޮރީއޭ ބުނެފިއްޔާ އެވަރުންފުދޭނެތަ؟.” ރީމާ ބެހެއްޓީވެސް ގާތްގޮތެކެވެ. އަމުދުން އެއަތޮޅުގެމީހެއްކަން އެނގުނީމައެވެ.

“ނުފުދޭނެ.” ޒިޔާންއޭނާގެ މޫނަށް ބަލާލިއެވެ. “ފިނިއެއްޗެއް ބޯލަން ދިޔައިމަ….”

“ޑޮކްޓަރ މަނާނުކުރައްވާނެ ނަމަ.”

ދެއައިސްކޯން ކަމުން ޒިޔާންއާއެކު ކާނިވަލްގެ ކުޅިވަރު ތައްބަލަން ރީމާދިޔައެވެ. “މިއީ ވަރަށް މަޖާކުޅިވަރެއް.” ޒިޔާން ވަރަށް ގަޔާވެފައި ހުރެގެން ކުޑަވަރެއްގެ ކުއްޖަކު ޓީޓީބޯޅައެއް ލޯވަޅަކަށް އަމާޒުކޮށްލެވޭތޯ މަސައްކަތްކުރާތަން ބަލަންހުއްޓެވެ. އެކުއްޖާއަށް ނުވެއްޓުމުން ޒިޔާން އެބޯޅަ އަތުލައިފިއެވެ. އަދި ވަރަށް ފަސޭހައިން ވައްޓާލިއެވެ. ރީމާ ހައިރާންކަމާއިއެކު ބަލަން ހުރެފައި ބުންޏެވެ. “ދެވަނަފަހަރަކު ނުވެއްޓޭނެ.”

“މިއީ ވަރަށް ފަސޭހަ ކަމެއް.” ޒިޔާން ބުންޏެވެ. ކަލޭ ޓްރައިއެއް ކޮށްލަބަލަ.”

ރީމާއަށް އެބޯޅަ ނުވެއްޓުމުން ޒިޔާން އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“ބޯޅައަށް ނުބަލާ . ވައްޓަންވާ ތަނަށް ބަލާފަ ލޯމަރާލާ.”

މިއީ ސަމާސާއެއް ކަމަށް ހީކޮށް ޒިޔާން އެބުނިގޮތަށް ރީމާ ހަދައިފިއެވެ. ހުރިހާ އެންމެން އަތްތިލަޖަހައި ގަތުމުން ރީމާ ލޯހުޅުވާ ބަލާލިއެވެ. ބޯޅަވެއްޓުނީ އެންމް އިނާމުބޮޑުލޯވަޅަށެވެ.

ރީމާ ހައިރާން ކަމާއިއެކު ލިބުނު އިނާމު ހިފައިގެން އެނބުރިލިއިރު މަންމަމެންވެސް ހިނިއައިސްފައި އެތަންބަލަން ތިއްބެވެ.

“އަހަރެމެން ކުރީގަ ހީކުރަނީ ޑޮކްޓަރެއްވެއްޖެއްޔާ ކުޅިވަރެއް ކުޅޭކަށް ނޭގޭނެ ކަމަށް.” ރީމާގެ މަންމަ ބުނެލިއެވެ. މިހާރު މި އެނގެނީ ޑޮކްޓަރުންނަށްވެސް ކިތަންމެ ކަންތަކެއް އެނގޭނެ ކަން.”

“ހުރިހާ ޑޮކްޓަރުންނަކަށް ނޭނގޭނެ.” ރީމާ ލާނެތްގޮތަކަށް ބުނެލިއެވެ. “ޑޮކްޓަރ ޒިޔާންއަށް އެކަނި.”

ސާޖިދު ބްލޫޕާރލްއެއް އުފައްދަންކުރި ތަޖްރިބާ ކާމިޔާބުވުމުން ޒިލްމާގެ އުފާވެރިކަން އިންތިހާއަށް ދިޔައެވެ. މިކަމުން ސާޖިދަށް ވުރެން ޒިލްމާ އުފާވީކަން އެއީ ކުންފުނީގެ ތެރޭގައި އެދުވަސްކޮޅު އެންމެބާރަށް ހިނގި ޖޯކެވެ. މަސައްކަތްކުރީ އެހެންމީހެކެވެ. އުފާވީއެހެންމީހެކެވެ. ނާކާމިޔާބުވީ މީހަކުވެސް އެބަހުއްޓެވެ. އެކިމީހުން އެކިވާހަކަދައްކަމުން ދިޔައެވެ.

ބްލޫޕާރލް އިޝްތިހާރު ކުރުމަށް ޖަޕާނަށް ކުރަން ހަމަޖެހިފައިވާ ދަތުރަށް ވުރެން ޒިލްމާ އަވަސްކުރަން ބޭނުންވަނީ ސާޖިދުއާއި އޭނާގެ ކާވެންޏެވެ. މަސައްކަތް ބޮޑުކަމުގެ ބަހަނާގައި ފަސް ވަމުންދިޔަ މިވާހަކަތައް މިހާރު ޒިލްމާ ހުށަހަޅައި ޕްރެޝަރު ކުރަން ފަށައިފިއެވެ.

ސާޖިދުގެ ހަޔާތަށް ވެސް މިހާރު މަދުވެފައި ވަނީ އަންބެކެވެ. އޭނާގެ މަސައްކަތުގައި އެހީތެރިވާ، އޭނާޔަށް އޯގާތެރި، އޭނާދެކެ ލޯބިވާ ވަފާތެރި އަންހެނެކެވެ. ލޯތްބާއި ވަފާތެރިކަމަކީ ޚިޔާލީ ވާހަކަ ލިއުންތެރިންނާއި ޅެންވެރިންގެ އުފެއްދުމެއްކަން ސާޖިދަށްވުރެން ބޮޑަށް ގަބޫލު ކުރެވޭނެމީހެއް ނުހުންނާނެއެވެ. ޒިލްމާގެ ފަރާތުން ދެންހުރި ހުރިހާ ސިފަތަކެއް ފެންނަން އެބަހުއްޓެވެ. ހަމަޔަގީނުންވެސް ރީމާއަށްވުރެ ވަފާތެރިޔޭ އޭނާގެ ރައްޓެއްސަކާ މިވާހަކަ ދައްކަމުން ސާޖިދު ބުނެފައިވެއެވެ. ލޯބިނުވެވުނަސް ތިމާދެކެ ލޯބިވާމީހަކު ލިބެއްޖެއްޔާ އެނިމުނީނޫންހެއްޔެވެ.

ސާޖިދުގެ އެތަކެއް މިންނަތެއްގެ ފަހުގައިވެސް ޒިލްމާދެކެ ލޯބިނުވެވުނުކަމީ އޭނާވެސް ހައިރާން ވާންޖެހުނު ކަމެކެވެ. ޒިލްމާގެ ސޫރައިގާ އުނިކަމެއްނެތެވެ. އެހީތެރިކަން އިންތިހާއަށެވެ. އެކަމަކު ސާޖިދުގެ ހިތުގައި ފޮޅިފައި ވަނީ އެހެންމަލެކެވެ. އެމާ ގެއްލުމުން އޭގެބަދަލުގައި ކިތަންމެ ކުލަރީތި ވަސްމީރު މަލެއްގެނަސް ބޭންދިޔަސް ގޮފިކޮޅަކުން އެމަލަކަށް ތާޒާކަމެއް ނުލިބޭނެއެވެ. ދިރުމެއް ނުހުންނާނެއެވެ. ފަހަރަކުފިޔައެއްވެއްޓި ހިކިގެން ހިނގާދާނެއެވެ. އެކަމަކު ރީމާ!

ރީމާގެ ޚިޔާލުތައް އައުމުން އޭނާގެ ހިތުގައި ރޯވެފައި ހުންނަ އަލިފާން ގަޑު ހުޅު ފަޅައިގެންދެއެވެ.

ސާޖިދު ވިލާހޮޓެލްސްއަށް އެދުވަހު އައީ އަލީއާ ބައްދަލު ކުރުމަށެވެ. އެއީ ހުރިހާ އެންމެންވެސް ވަރަށް އަވަދިނެތި އުޅުނުދުވަހެކެވެ. އަލީގެ ތިމާގެ ކުއްޖެއްގެ ކާވެނި އޮތީއެރޭގައި ކަމަށް އަލީގެ ފަރާތުން އެނގުނެވެ. އަދި ކޮންމެހެންވެސް ސާޖިދު އަންނަން ވާނެޔޭ ބުނުއްވިއެވެ.

ސާޖިދަކީ ގާސިމްގެ ކިހާ ގާތް މީހެއްކަން އަލީއަށް އެނގިލައްވައެވެ. އެހެންކަމުން ގާސިމް ކުއްލިއަކަށް ފުރުއްވަން ޖެހިލެއްވީތީ ސިރާޖަށް ރަސްމީގޮތުން ދައުވަތުނުދެވުނީއެވެ.

ސާޖިދު އެދައުވަތު އެހާ ކުއްލިގޮތަކަށް ލިބުނަސްވެސް ގަބޫލުކުރީ އުފަލާއެކުގައެވެ.

އެދުވަހު ސާޖިދު ލިފްޓުން ތިރިއަށް ފައިބަން އެރިއިރަކު ހިތަށްއެފަދަ ތޫފާނެއް އަންނާނެ ކަމެއް އެގިފައެއްނެތެވެ.

ލިފްޓްގެ ދޮރު ލެއްޕެމުން ދަނިކޮށް ދުވެފައި އައިސް އެރި އަންހެން ކުއްޖާހުރީ ސާޖިދުގެ ކުރިމަތީގައެވެ. ދެމީހުންގެ ދެމެދުގައި ފޫޓެއްވެސްނެތެވެ. ކަޅިޖަހާ ނުލާ އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިބިއިރު ލިފްޓްގައި ހޭދަވި 19 ސިކުންތު 19 ގަޑިއިރަށް ބަދަލުވެގެން ދިޔަކަމުގައި ސާޖިދަށް ހީވިއެވެ. ލިފްޓުން ފައިބަމުން ސާޖިދާދިމާއަށް ރީމާ ހީނލި ހީނލުމުން އޭނާގެ ހިތަށް ތޫފާނެއް ނާންނަންވީ ސަބަބެއްނެތެވެ. ދެމީހުން ދިޔައީ ދެ ދިމާއަށެވެ.

-ނުނިމޭ-