English Edition
Dhivehi Edition

“ފިޔަވަތި” ގެ ހާލަތުން ފެންނަނީ ދައުލަތް ފެއިލްވެފައިވާ މިންވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

“ފިޔަވަތި” ގައި މައްސަލަތައް ފުނިޖެހި ބޮޑުވަމުންދާތާ އެތައް ދުވަހެއްވެފައިވާއިރު އެ ތަނުގައި ތިބޭ ކުދިންގެ ފަރާތުން އަހުލާގީ ވަަރަށް ގިނަ މައްސަލަތައް ފާހަގަވެ އެ ކުދިންގެ އުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިގޮތުން އިއްޔެ އެތަނުގައި އުޅެމުންދިޔަ ބައެއް ކުދިން ވަނީ ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އެ ތަނުގެ ފުރާޅަށް އަރާ އަދި އެންމެފަހުން އެ ތަނުގައި ރޯކޮށްލާފައެވެ.

މި މައްސަލައިގައި ޖެންޑާ މިނިސްޓްރީންވެސް ‘ފިނި ބަޔާނެއް’ ނެރުން ފިޔަވައި އިތުރުކަމެއްކޮށްފައި ނުވާއިރު މެންބަރު ޝިޔާމްކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއީ މިހާރަކަށް އައިސް ފިޔަވަތީގެ ކޮންމެ ދުވަހެއްގެ ހާލަތު ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގައި ތިބި ކުދިންގެ މުސްތަގުބަލު ކުރަހަމުންދާ ގޮތާމެދު ޝިޔާމު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު އޭނާ ވަނީ ދައުލަތް ފެއިލްވާނީ މިހާވަރަށް ކަމަށް ވިދާޅުވެފައެވެ.

މީގެކުރިންވެސް ފިޔަވަތި ގައި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައިވެސް އެ ތަނުގެ ހާލަތު އެންމެ ބޮޑަށް ބޮއްސުންލައިގެން ދިޔަ ފަހަރުކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ،