English Edition
Dhivehi Edition

ރޯދަ މަހު ދޭ، ރަމަޟާން މަހުގެ އިނާޔަތް ބޮޑުކުރުމަށް ސަރުކާރަށް ގޮވާލާ، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް އަދާކުރައްވާ ޝިޔާމް ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 15 މެމްބަރުން ނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 27 މެމްބަރުން ނެވެ.

އެހެންވެ އެ މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފާހެއް ނުވި އެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ރޯދަމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް އުފުލޭ ކަމަށެވެ.

ޝިޔާމް ވަނީ ރޯދަ އިނާޔަތް ބޮޑު ކުރުމަށާއި ވަޒީފާއާ ބެހޭ ގާނޫނުގައި ރޯދަމަހުގެ އިނާޔަތާ ގުޅޭ ގޮތުން އޮންނަ ބައި އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށް ވެސް ގޮވާލާފަ އެވެ. އަދި ހުރިހާ ފަންނުތަކާއި މަސްވެރިންނާއި ދަނޑުވެރިންނަށް ވެސް ރޯދަ އިނާޔަތް ހަމަހަމަ ކަމާއެކީ ލިބޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ވެސް އެ މައްސަލައިގާ ޝިޔާމް ވަނީ ގޮވާލައްވާފަ އެވެ.

އެހެންކަމުން ރަމަޟާން މަހުގެ އިނާޔަތް 3،000 ރުފިޔާ އަށްވުރެ ބޮޑުކޮށް ދިނުމަށާއި، މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިންފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށް ވެސް ރޯދައިގެ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމްކޮށް އެ ހުރިހާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެ މައްސަލައިގައި ޝިޔާމް ވިދާޅުވެފައި ވެއެވެ.