English Edition
Dhivehi Edition

އިޓަލީގައި ދިވެއްސަކު އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މަރާލާފައިވަނީ ހދ. ނޮޅިވަރަންފަރު، ވައިމަތީގޭ މަހްމޫދު އިމާދު(44އ)ކެވެ. އޭނާ އަކީ އިޓަލީގެ ރައްޔިތަކާއި ކައިވެނިކޮށްގެން އެ ގައުމުގައި ދިރިއުޅެމުން ދިޔަ މީހެކެވެ. އިޓަލީގައި، އިމާދު މަރާލިއިރު އޭނާގެ އަންހެނުންނާއި ބަފައިބެ ހުރީ ނޮޅިވަރަމްފަރުގައެވެ. އިމާދުވެސް މި މަހު 20 ގައި ރާއްޖެ އަންނަން ޓިކެޓް ނަގާފައިވާއިރު އޭނާ އަކީ އިޓަލީގައި އެކިއެކި މަސައްކަތް ކޮށް އުޅުނު މީހެކެވެ.

މީގެ ކުރިން ސަފާރީއެއްގައި މަސައްކަތް ކުރަމުން ދިޔަ އިމާދު އިޓަލީގައި ދިރިއުޅޭތާ 8 ވަރަކަށް އަހަރުވެފައިވާއިރު ރާއްޖޭގައި ހުރެފައި އިޓަލީއަށް އެންމެ ފަހުން ދިޔައީ މިއަހަރުގެ މޭއި މަހު ތެރޭގައެވެ.

އިމާދުގެ އާއިލާއާ ހަވާލާދީ ބުނެފައި ވަނީ އިމާދު މަރައިލުމަށް ފަހު ދަން ޖައްސައިފައިވާ ކަަމަށެވެ. އަދި އޭނާގެ އަތުގެ އިނގިލިތައް ވެސް ބުރިކޮށްލައިފައިވާކަމަށެވެ. އިމާދު ދަންޖައްސާފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ގޯތި ތެރެއިންނެވެ.

އަނިޔާވެރި ގޮތަކަށް އިމާދު މަރާލި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، މިކަމާއި ގުޅިގެން އަދި ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.