English Edition
Dhivehi Edition

ކުޑަދޮރުން ނުކުމެ، ބަޔަކަށް ސަލާމް ގޮވައިލުމަކީ، އެއްވެސް ގާނޫނެއްގައި އަދި ގަވައިދެއްގައިވެސް ގޭބަންދުގައި ހުރި މީހަކަށް ކުރުން މަނާކޮށްފައި އޮތް ކަމެއް ނޫން ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ “އިންސާފު ހޯދަން” އިހްތިޖާޖުގައި ރައީސް ޔާމީން ވަނީ. އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވާ ސަޕޯޓަރުންނަށް ހިތްވަރު ދެއްވާފަ އެވެ. އަދި ފަހުން އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއްވެސް ހިއްޕަވައިގެންނެވެ.

އެކަމާއި ގުޅިގެން ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އަމަލުކުރެއްވީ ގައިދީން ގޭބަންދަށް ބަދަލުކުރާއިރު ވެވޭ އިގްރާރާ ހިލާފަށްކަމަށާއި އެހެންކަމުން އެ މަނިކުފާނާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.

ޔާމީނަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ވިދާޅުމުން ކަންބޮޑުވާ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ބައިވެރިވި ސުލްހަވެރި ހިނގާލުމުގައި ރައްޔިތުން ވަނީ މި ސަރުކާރުން އިންސާފުގެ ބޭރުން ކުރަމުން ގެންދާ ކަންކަމާއި ދެކޮޅަށް އަޑު އުފުލާފައިކަމަށެވެ. އަދި ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވާ ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާތީ އެކަންކަން ހުއްޓާލާ އިންސާފު ގާއިމު ކުރުމަށް މި އިހްތިޖާޖުގެ ބައިވެރިން ގޮވާލާފައިވެއެވެ.

މި ހިންގާލުމުގެ ބައިވެރިން ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅާ ހަމައަށް އެރުމުން އެމަނިކުފާނު ދެކިލުމަށް ބޭނުންވެފައި ތިބި އެތައް ސަތޭކަ ރައްޔިތުންނަށް ފެނިލުމަށް ގޭގެ ކުޑަދޮރުން ބޯދިއްކޮށްލައްވާ ބައިވެރިންނަށް އެމަނިކުފާނު އަތް ހޫރުވާ ސަލާމް ކުރައްވާފައި ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިއީ އެއްވެސް ހާލެއްގައި ގޭ ބަންދުގައި ހުންނަވާ ބޭފުޅަކަށް ނުކުރެއްވޭނެ ކަމެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ހެދިފައިވާ އެއްވެސް ގާނޫނެއް އަދި ގަވާއިދެއް ނުވަތަ އުސޫލެއްގައިވެސް ބަޔާންކޮށްފައިނުވާ ކަމަށް އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން އެމަނިކުފާނާއި އެކު ދައުލަތުން އެއްބަސްވެފައިވާ އެއްވެސް އެއްބަސްވުމެއްގައިވެސް އޮތް ވާހަކައަކަށް ނުވާއިރު އެމަނިކުފާނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކޮމިޝަނަރު އޮފް ޕްރިސަންސް ޓްވީޓް ކުރައްވާފައިވާތީ ކޯލިޝަނުންވަނީ ކަންބޮޑުވުންވަނީ ފާޅުކޮށްފައެވެ.އަދި އެއްވެސް އިންސާފުވެރިކަމެއް ނެތް ސަރުކާރަކުން ހިންގަމުން ގެންދާ ކަންތައްތަކާއިމެދު ދިވެހި ރައްޔިތުންގެ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހިންގާ ސިޔާސީ ހަރަކާތްތައް ހަޖަމު ނުވެގެން އެކަމުގެ އަދަބު ރައީސް އަބްދުﷲ ޔާމީން އަށް ދިނުމަށް ކުރަމުން ގެންދާ މަސައްކަތް ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.