English Edition
Dhivehi Edition

ހިޔާ މަޝްރޫއުއަކީ އެންމެ ބޭކަރު މަޝްރޫއުކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގައި ވާހަކަދެއްކެވި އާ އަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ގިނަ ބައެއްގެ އުއްމީދުތަކާއި ގުޅިފައިވާ މަޝްރޫއަކާއި ގުޅޭ ގޮތުން މަޖިލިސް މެންބަރަކު މި ފަދަ ގޮތަަކަށް ވާހަކަފުޅު ދެއްކެވުމަކީ ޒިންމާދާރުކަން ކުޑަކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވާއިރު، އާއްމުންގެ އެކުވެރި ގުޅުމުންވެސް ވަނީ އޭނާއަށް ރައްދުދީފައެވެ،އާއްމުންގެ އެކުވެރި ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތައް ދޫކޮށްލަން ބޭނުން ނުވާ 7000 އާއިލާ އެބަތިބި ކަމަށެވެ. އަދި އެތަން ބޭނުންވާ 15000 އާއިލާ އެބަތިބި ކަމަށެވެ.

ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް 30،000 އާންމުންގެ ދިރިއުޅުމުގެ ހާލަތަށް ހަޖޫ ޖެއްސެވީ އާންމު މީހުންގެ ހާލަތު އެނގިވަޑައި ނުގަންނަވާތީ ކަމެއް ނުވަތަ ހަޔާތް ކުޑަކަމުން ކަން ސާފުނުވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިތުރަށް އެ ބަޔާނުގައި ބުނީ ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެ މަނިކުފާނު ކުރައްވަންވީ ކަމަކީ ބަސްމަދުކޮށް، އަމަލު ގިނަކުރުންކަމަށެވެ. އަދި ހިޔާ ފްލެޓު ތަަކަށް ވުރެ ބޮޑު ފްލެޓުތައް، އެއަށް ވުރެ ކުޑަ އަގުގައި އަޅުވަން ބާރުއެޅުމަށްވެސް މި ބަޔާނުގައިވަނީ އެދިފައެވެ.

އާންމުން “ހިޔާ ފްލެޓް ވެގެން” އުޅެނީ ކުރީގެ ރައީސް ޔާމީން އެޅި ތަނަކަށް ވުމުން ނޫންކަމަށް ފާހަގަކޮށް މި ބަޔާނުގައި ބުނީ އާންމުން “ހިޔާ ފްލެޓް ވެގެން” އުޅެނީ މިވަގުތައް އެއަށް ވުރެ ރަނގަޅު އޮޕްޝަނެއް ނެތުމުން ކަމަށެވެ. އެހެންކަމުންއާންމުންގެ މިހާލާމެދު ވިދާޅުވާނެ ރަނގަޅުއެއްޗެއް، ދެވޭނެ ބިނާކުރުވަނިވި އެހީއެއް ނެތްނަމަ އާންމުންގެ ހާލަތަށް ހަޖޫ ނުޖައްސަވައި، ކުރިންވެސް މަޖީލީސް ތަޅުމުގައި ބަހެއް ވިދާޅުނުވެ ހުންނެވިހެން ހަނު ހުންނަވުމަށް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.