ހިޔާ ފްލެޓުގެ ކުލީގެ މައްސަލައިގާ އެއްމޭޒަކަށް އަރައި މަޝްވަރާކޮއްގެން ކުރިއަށް ގެންދިއުމަށް ހިޔާ ޔޫނިއަނުން ގޮވާލައިފިއެވެ.
އެ ޔޫނިއަނުން ބުނީ 01 އޭޕްރީލް 2022 ގައި އެޗް.ޑީ.ސީން ހިޔާ ފުލެޓުގެ ކުލި ނެގުމަށް އާންމުކޮށް ކުރި ޢިއުލާނާއި ގުޅިގެން އެ ޔޫނިއަނަށް ހިޔާގެ ވަރަށްގިނަ ރައްޔިތުން ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އަދި 23 އާއި 27 މާރޗު ގައި ވާނީ ހިޔާ ރައްޔިތުންގެ ތެރެއިން 1900 ފަރާތެއްގެ ޝަކުވާގެ ސިޓީ އެޗް.ޑީ.ސީ އަށް ހުށައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ފަރުދީ ގޮތުން ވެސް އެތައް ފަރާތަކުން، ކުއްޔާއި ގުޅިގެން އެޗް.ޑީ.ސީ އަށް ޝަކުވާގެ ސިޓީ ފޮނުވާފައިވާކަން ފާހަގަކޮށް އެ ޔޫނިއަނުން ބުނީ ވޭތުވިދިޔަ ހަފްތާގައި އެތައް ނޫހެއް ބޭނުންކޮއްގެންނާއި ސަރުކާރުގެ ޕަބްލިކް ޓީވީތައް މެދުވެރިކޮށް އެޗް.ޑީ.ސީ އަދި ސަރުކާރުން ވަނީ ހިޔާ ފުލެޓުގެ ކުލިދެއްކުން އޮމާންކޮށް ކުރިއަށް ދާކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރާފައި ކަމަށެވެ. އަދި އާދައިގެމަތިން ކޮންމެ މަހެއްގެ ކުރީކޮޅަކީ އެކިއެކި ހައުސިންގ ޕުރޮޖެކްޓުތަކެއްގެ ފްލެޓުކުލި އެޗް.ޑީ.ސީއަށް ދެއްކުމަށްޓަކައި އެޗް.ޑީ.ސީ އޮފީހަށް ރައްޔިތުން ޖަމާވަމުންދާ ދުވަސްކޮޅެއްކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
އެ ޔޫނިއަނުން ބުނީ ހިޔާ ފުލެޓުގެ ކުލި ދެއްކި މިންވަރު އިންތިހާއަށް މަދު ކަމަށާއި މިކަން ބެލުމަށްޓަކައި އެ ޔޫނިއަނުން ކުރި ސާރވޭއަކުން އެނގިފައިވަނީ ހިޔާ ފުލެޓުގެ ކުލި ދައްކާފައިވަނީ ކޮންމެ 1000ން 60 ފަރާތުން ކަމަށެވެ. އެހެންވެ، ހިޔާ ފުލެޓުން ކުލި ދެއްކިކަމަށް ބެލެވެނީ 400 އެއްހާ ފަރާތުންކަން އެ ޔޫނިއަނުން ގަބޫލު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
މިއީ ނިސްބަތުން ވަރަށް މަދު އަދި މިހާރު ދިރިއުޅެމުންގެންދާ މިންވަރަށް ބަލާފަ ވަރަށް ކުޑައަދެއްކަން ހިޔާ ޔޫނިއަނުން ވަނީ ފާހަގަކޮށްފައެވެ.
ހިޔާގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ މަޖުބޫރުން ކުލި ނެގުމަށް ސަރުކާރުން އަދި އެޗުޑީސީން ކުރަމުންގެންދާ މަސައްކަތް ކުއްވެރިކުރާ ކަމަށާއި މިފަދަ އަމަލުތަށް ކުރިއަށް އޮތްތަނުގައި ތަކުރާރު ނުކުރުމަށް ވެސް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.
މި ދަނޑިވަޅުގައި ހިޔާގެ ވެރިންނާއި އެކު އެއްމޭޒަކަށް އަރައި މަޝްވަރާކޮއްގެން ކުލީގެ ކަންކަން ކުރިއަށް ގެންދިއުންމީ ރަނގަޅުކަމެއްކަމަށް ފެންނާތީވެ މިކަން މި ގޮތަށް ކުރިޔަށް ގެންދިޔުމަށް ޔޫނިއަންއިން އެޗް.ޑީ.ސީ އަދި ސަރުކާރަށް ވަނީ ގޮވާލާފައެެވެ. އަދި ހިޔާގެ ރައްޔިތުން ތިބީ ކުލި ނުދައްކަން ނިންމައިގެން ނޫންކަން ވެސް އެ ޔޫނިއަނުން ބުނެއެވެ.