ހުޅުމާލެ ފޭސް 2 ގައި ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ތަރައްގީ ކުރި ފްލެޓްތަކުގެ އެގްރިމެންޓް މުވައްޒަފުންނަށް ހަދާފައިވާނީ ސްޓާފުންނަށް ވަރަށް ބޮޑަށް ލުއިވާ ގޮތަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް ހިޔާ ފްލެޓުގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ގައި ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ފްލެޓްތަކަށް ފައިސާ ދައްކަން ޖެހޭނީ ބޭންކަކަށް ނޫން ކަމަށާއި 18 އަހަރުގެ މުއްދަތަށް ކުލި ދައްކަން ޖެހޭނީ ސްޓެލްކޯއަށް ކަމަށެވެ.
ބޭންކަށް ގޮސްގެން މި ލޯނު ކަވަރ ކުރަން ޖެހޭނަމަ އެޕާޓްމެންޓް ލިބުނު މުވައްޒަފުންގެ ތެރެއިން 203 މުވައްޒަފަކަށް ކްރައިޓީރިއާ ހަމަނުވެގެން ލޯނެއް ނުލިބޭނެކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އެ އާއިލާތަކަށް ބޯހިޔާވަހިކަމުގެ ލޯނަކަށް ގޮސްގެން ލޯނު ޔަގީން ނުވާނެތީ ލޯނުގެ ބައި ސްޓެލްކޯއިން ކަވަރ ކުރަން ނިންމީ ކަމަށެވެ.
ޝަރީފު ވިދާޅުވީ މިއަދު ހަވާލު ކުރީ އެގްރިމެންޓްގައި ސޮއިކުރި 306 އެޕާޓްމަންޓް ކަމަށެވެ.
52 ފަރާތެއް އެގްރިމެންޓްގައި ސޮއި ނުކުރާ ކަމަށާއި އެ ފަރާތްތަކަށް ސޮއި ކުރުމަށް މުއްދަތު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އޭގެފަހުން އެގްރިމެންޓްގައި ސޮއި ނުކުރާ ފަރާތްތަކުގެ ފްލެޓްތައް އެހެން ސްޓާފުންނަށް ދޫކޮށްލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
“ސްޓެލްކޯއިން ހިންގި ބޯހިޔާވަހިކަމުގެ މި މަޝްރޫއަކީ މުވައްޒަފުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކުރިކަމެއް. ފްލެޓްތަކުން އެއްވެސް މައްސަލައެއް ދިމާވެގެން އެއްވެސް އާއިލާއަކުން ނިކުންނަން ޖެހުމަކީ ސްޓެލްކޯއިން އެދޭ ކަމެއް ނޫން. އެގްރިމެންޓްގައިވާ ގޮތުން ކުލި ނުދައްކާ ތިން މަސް ދުވަސް ވެއްޖެ ނަމަ ފްލެޓުން ނިކުންނަށް ޖެހޭނެ. ދެން ތިބި ސްޓާފުންގެ ހައްގުގައި އެކަން ކުރަން ޖެހިއްޖެނަމަ ސްޓެލްކޯއިން ކުރާނެ.” ޝަރީފް ވިދާޅުވިއެވެ.
ފްލެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ކޮންމެ ފްލެޓަކީ ވެސް ބޭނުންވެގެން ހޯދާ ފްލެޓެއް ކަމުގައި ހަދާ، އެ ފްލެޓްގައި އުފަލާ އެކު ދިރިއުޅެ، ސްޓެލްކޯއިން ރައްޔިތުންނަށްދޭ ޚިދުމަތް އިހްލާސްތެރިކަމާއެކު ދިނުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން އެދޭ ކަމަށެވެ.