ހިޔާ ފްލެޓް ލިބޭނެ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުالله ޔާމިންގެ ސަރުކާރުން ގެޒެޓު ކުރި އެންމެނަށް މި ސަރުކާރުން ހަދާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެތޯ ގދ.ގައްދޫ މާފެހި، މުޙައްމަދު ޝުހައިލް،ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
“އާދެ އަޅުގަނޑު ވައުދުވި ގޮތައް އެކަން ހަމަ ފުއްދަދޭނަން. މި ސަރުކާރުން ހަދާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫގެ ތެރެއިން ކުރީގަ ފްލެޓް ލިބޭނެ ކަމަށް ގެޒެޓްގަ ނަން ހިމެނިފަ އެހެންނަމަވެސް ފްލެޓް ނުލިބޭނެ ކަމަށް ފަހުނއ ކަނޑައެޅުނު ހުރިހާ އެއްމެންނަށް އިރާދަ ކުރެއްވިއްޔާ ފްލެޓް ހަމަޖައްސަދޭނަން. އެކަމުގަ ހަމަ ޔަޤީންކަން ދެން އިރާދަކުރެއްވިއްޔާ އެކަން އެންމެ އަވަހަށް ފެށޭ ސޯޝަލް ހައުސިން މަޝްރޫޢެއްގެ ތެރެއިން ހަމަ ކުރިއަށް ދާނެ,” -ރައީސް މުއިއްޒު-
ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްލިބިފައިވާ ބައެއް ފަރާތްތަކަށް އޭރުގެ ހައުސިން މިނިސްޓްރީއިން ލިޔުން ދީފައިވީނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އޭގެތެރެއިން ގިނަބައެއްގެ ފްލެޓް ނުދީ ހިފަހައްޓާފައެވެ. އޭގެ ތެރެއިން ބައެއް “އަލަތުކައިވެނީގެ ކެޓަގަރީ” ފަދަ ކެޓަގަރީތައް ވަނީ އުވާލާފައެވެ.
ރައީސް މުޢިއްޒު ވަނީ އެލިޔުން ލިބިފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.