English Edition
Dhivehi Edition
ފުވައްމުލަކު ހޮސްޕިޓަލުގައި ބެހެއްޓި ޕީސީއާރު މެޝިން.

ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑް ބައްޔަށް ޓެސްޓު ކުރުމަށް ބެހެއްޓި ޕީސީއާރު މެޝިނަކީ ހަމަ އެކަނި ބަލީގެ އަލާމާތްތައް ހުންނަ، ‘އާޖެންޓް ކޭސްތައް’ ޓެސްޓުކުރުމަށް ބަހައްޓާފައިވާ މެޝިނެއްކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.

ކޮވިޑް ޓެސްޓު ހެދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އަލަށް ބެހެއްޓުނު ޕީސީއާރް މެޝިން އިންސްޓޯލްކޮށް އެ މެޝިނުން ވެލިޑޭޝަން ހަދައި ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ކޮންމެ ދުވަހަކު 80 މީހުންގެ ޓެސްޓު ހެދުމުގެ ކެޕޭސިޓީ ހުންނަ މި މެޝިން ބޭނުންކުރަމުން ނުދާތީ ފުވައްމުލައް ސިޓީގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ރަފީގު ވިދާޅުވީ މި މެޝިނަކީ ހެލްތް މިނިސްޓްރީން ހަމައެކަނި ބަލީގެ ހަލާމާތްތައް ހުންނަ އާޖެންޓް މީހުން ޓެސްޓުކުރުމަށް ހުއްދަ ދީފައިވާ މެޝިނެއްކަމަށެވެ. އަދި އާންމުކޮށް ނަގާ ރެންޑަމް ސާމްޕަލާއި، ދަތުރުކުރުމަށާއި އަދިވެސް އެ ނޫންވެސް ބޭނުންތަކަށް ހަދާ ޕީސީއާރް ޓެސްޓުތައް މި މެޝިނުން ހެދުމުގެ ހުއްދަ އަދި ދީފައި ނުވާކަމަށް ރަފީގު ވިދާޅުވިއެވެ.

މީގެ އިތުރުން ރަފީގު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖޭގެ ފަސް ސަރަހައްދަށް ދިނުމަށް ހަމަޖެހިފައިވާ މެޝިންތަކުގެ ތެރެއިން އެއް މެޝިން ފުވައްމުލައް ސިޓީއަށް ވެސް ލިބޭނެ ކަމަށާއި އެ މެޝިން ލިބުމުން ޓެސްޓުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދާނެކަމަށެވެ. މީގެ ކުރިން ޖުލައި މަސްތެރޭގައި މެޝިން ލިބޭނެކަމަށް ބުނެފައިވީ ނަމަވެސް މިހާރު އެ ތާރިހު ސެޕްޓެމްބަރަށް ފަސްވެފައިވާކަމަށްވެސް ރަފީގުވަނީ ވިދާޅުވެފައެވެ. “މިހާރު ފުވައްމުލައް ސިޓީގައި އަޅާ އާ އިމާރަތުގައިވެސް ޕީސީއާރް މެޝިން ބެހެއްޓުމަށް ވަކިތަނެއް ވަނީ ހާއްސަކޮށްފައި. އަޅުގަނޑަށް މެޝިން ލިބޭނެ ސީދާ ތާރީހެއް ދަންނަވަން ނޭގުނަސް ހީވަނީ އިމާރާތުގެ މަސައްކަތް ނިމެންވާއިރަށް މެޝިން ލިބޭނެހެން” ރަފީގު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް ފެތުރުން އިތުރުވެފައިވާއިރު، ފުވައްމުލަކު ސިޓީއިން ނަގާ ރެންޑަމް ސާމްޕަލްތައް މިހާރުވެސް ޓެސްޓްކުރަމުން ދަނީ އައްޑޫ އަށް ފޮނުވައިގެންނެވެ.