ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އުޅޭތީ ކަންބޮޑުވަނީ މާޒީގައި ކަންކަން ހިނގާފައިހުރި ގޮތުންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރުން ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އޭގެ ޒާތުގައި ރަނގަޅު ނިޒާމެއް ކަމަށާއި އެ ނިޒާމް ރަނގަޅަށް މަސައްކަތްކުރާ ގައުމުތައްވެސް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެނިޒާމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއް ނޫންކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން އުޅޭތީ ކަންބޮޑުވަނީ މާޒީގައި ކަންތައްތައް ހިނގާފައިވާ ގޮތުން ކަން ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ މަޖިލީސްތެރޭގަ ކަންތައް ހިނގާފަ ހުރި ގޮތަށް ބަލާނަމަ އެކި ޕާޓީ ތަކުން އިންތިޚާބުވެ އެކި ގޮތްގޮތަށް ބަދަލުވެގެންގޮސް މަޖިލީހުގެ ދައުރުގެ ތެރޭގަ ޕާޓީވެސް ބަދަލުވެ ހިޔާލުތައްވެސް ބަދަލުވާކަމަށެވެ. ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ ތެރެއިން ވެރިކަން ކުރާއިރު މި ގޮތަށް ޚިޔާލު ބަދަލުވާ ކަމަށް ވާނަމަ ގައުމުގެ ސްޓެބިލިޓީއަށް ވަނީ ކިހިނެތްތޯ ވިދާޅުވެ ރޮޒެއިނާ ވަނީ ސުވާލުއުފައްދާފައެވެ.
މިވަގުތަކީ ނިޒާމު ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަން ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ ދައުރުގެ މެދުތެރެއިން ނިޒާމު ބަދަލުކުރަން އުޅުމަކީ ބުއްދި ހަމަޖެހޭ ބަޔަކު ކުރާވަރުގެ ކަމެއް ނޫން ކަމަށެވެ.