ބަރުލަމާނީ ނިޒާމާއި އެޕާޓީން ދެކޮޅު ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިގޮތަށް ނިންމެވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ޚިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނަގައިދިނުމަށް ދަ ޑިމޮކްރެޓްސް އިން އެމްޑީޕީގައި އެދިފައިވާތީ އާއި އަދި ރައްޔިތުންގެ މަޖްލީހުންވެސް ނިޒާމާއި ބެހޭ ޢާންމު ވޯތެއްނެގުމަށް ފާސްކޮށްފައިވާތީ އެކަމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ބެލުމަށްޓަކައި މިރޭ ނެގި ވޯޓަކުންނެވެ.
އެވޯޓުގައި ބައިވެރިވި 90 މެންބަރުން ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ. ބަޙުސުގެ ވަގުތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށާއި، ރާއްޖެއަށް އެންމެ ފައިދާހުރި ނިޒާމަކީވެސް ރިޔާސީ ނިޒާމުކަމަށެވެ. ނިޒާމީ ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ބޭއްވުމަށް އެމަނިކުފާނު ޢަމަލީގޮތުން މަސައްކަތްކުރައްވާނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“ދެ ނިޒާމުގައި ވެސް ރަނގަޅާއި، ގޯސް އެބަހުރި. އެކަމަކު މިރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމުކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށް.” ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މިރޭ ވާހަކަދެއްކެވި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ޖާބިރު ފިޔަވާ އެހެން ހުރިހާ ބޭފުޅުންވެސް ވާހަކަދެއްކެވީ ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ.
ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ، ރިޔާސީ އިންތިޚާބެއް ބާއްވާ ރައްޔިތުން ގޮތެއް ނިންމައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންތިޚާބު ކޮށްފައިވަނިކޮށް ރައްޔިތުންގެ ނިންމުމަށް އެމްޑީޕީން އިޙުތިރާމު ކުރަންޖެހޭނެ ކަމަށެވެ.
ގައުމީ މަޖިލީހުގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ ބަރުލަމާނީ އަށް ނޫނެކޭ ބުނުމުގެ އިތުރަށް “ނަޝީދު ނޫން ގޮތެއް” ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.