ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަރުލަމާނީ ގަރާރު އަވަސްކުރަން އެމްޑީޕީން އެއްބަސްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މި ގަރާރުގެ މަސައްކަތް އަވަސް ކުރަން ޑިމޮކްރެޓްސްގެ ޕީީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންނެވުމުން އެކަމާ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އެ މަޝްވަރާތަކަށް ފަހު އެ ގަރާރުގެ މަސައްކަތް އަވަސްކުރަން އަސްލަމް އެއްބަސްވެވަޑައިގެންފައިވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މި މަހުގެ 25 ވަނަ ދުވަހު ވޯޓެއް ބޭއްވުމަށް ޑިމޮކްރެޓްސް އިން އަންނަނީ އެދެމުންނެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ނުވަތަ ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދުކުރުމުގެ ޝަރުތެއްގެ ގޮތުންވެސް ޑިމޮކްރެޓްސް އިން ވަނީ މިކަން ފާހަގަކުރައްވާފައެވެ.