English Edition
Dhivehi Edition
22 އޮގަސްޓް 2019 ގައި އެމްޑީޕީ އިން އެ ޕާޓީގެ ކައުންސިލަރުންނަށް ބޭއްވި ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އަމަލުކުރަމުން އަންނަ މެނިފެސްޓޯގައިވެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ އެމްޑީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގދ.ތިނަދޫ އަށް ކުރެއްވި ދަތުރުގައި، ވެރިކަމަށް އަންނަތާ 18 މަސްދުވަސް ތެރޭ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކޯލިޝަނުން އެއްބަސްވެ މެނިފެސްޓޯގައި ހިމަނާފައިވާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމްގައިވެސް ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ‘ސަން’އަށް ވިދާޅުވީ ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އާންމު ކުރެއްވި މެނިފެސްޓޯ ކަމަށެވެ. އަދި އޭގައި ނިޒާމީ ވޯޓާ ގުޅޭ އެއްވެސް ވާހަކައެއް ނެތްކަމަށް މިއުވާން ވިދާޅުވިއެވެ.

މެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދޭން ވައުދުވި ކަންތައްތައް ސަރުކާރުން ކޮށްދެމުން އަންނަކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ސަރުކާރުން ކަށަވަރުކޮށްދޭން ވައުދުވި ހައްގުތައް ކަށަވަރުކޮށްދެމުން އަންނަ ކަމަށެވެ.

ސަރުކާރުން މިހެން ބުނެފައިވާއިރު، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގެ 98 ވަނަ ސޮފްހާގައި ގާނޫނު އަސާސީ އިސްލާހް ކުރުމަށް ފަހު، އެކުލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.