ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފެއް ހޯދައިނުދެވުނު ބަޔަކަށް، އެހެން ބަޔަކަށްވެސް އިންސާފެއް ހޯދައިނުދެވޭނެ ކަމަށް އަދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީގެ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫ ސިޓީ މީދޫ ގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ މިހާރު ރާއްޖޭގައި ރައްޔިތުންނަށް އިހްލާސްތެރިވެވޭނެ ވެރިކަމެއް އޮތް ކަމަށް ރައްޔިތުން ގަބޫލުނުކުރާކަމަށެވެ. “ކިހިނެތްތޯ މި މީހުންނަށް ރައްޔިތުންނަށް އިހްލާސްތެރިވެވޭނީ. މި މީހުންނަށް ރައީސް މުހައްމަދު ނަޝީދަކަށްވެސް އިންސާފެއް ހޯދައި ނުދެވުނު. ދެން ކިހިނެތްތޯ އެހެން މީހަކަށް އިންސާފު ހޯދައިދެވޭނީ؟” އާދަމް ޝަރީފް ވިދާޅުވިއެވެ
އިތުރަށް އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މިހާރު އެ ހުންނެވީ ރާއްޖެ އާދެވޭނެ ގޮތެއް ނެތިފައިކަމަށާއި އެ މަނިކުފާނަށް ދެން ރާއްޖެ ވަޑައިނުގަނެވޭނެކަމަށެވެ.”ސަރުކާރުން އޮތީ ތަޅު އަޅުވާފައި ދެން ރައީސް ނަޝީދަށް ރާއްޖެ ވަޑައިނުގަނެވޭނެހެން. އެހާލަތުގައި ގައުމު އޮތް އިރު ރައްޔިތުން ވަރަށް ބޮޑަށްވިސްނަންޖެހޭ ގައުމުގެ ހާލަތާމެދު” އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާގެ އަޑީގައި ތިބި ބަޔަކު އަދިވެސް ހޯދިފައިނުވާއިރު މީގެ ކުރިންވެސް އާދަމް ޝަރީފް ވަނި ރައީސް ނަޝީދަށް މި ސަރުކާރުން ދިނީ ފެންކައްކާ ބޮލީގެ އިއްޒަތްތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. އާ ދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވަނީ ނަޝީދަށް ޓެރަރިސްޓް ހަމަލާދީ ފުރާނަ އަށް ނުރައްކާވުމުން، އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން ނަޝީދު “ހަވަރަށް” ދިނީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.