ޕްރޮގްރެޒިވް ކޯލިޝަން ކޮންގްރެސް އަކީ ބަޢާވާތަކަށް ފުރުސަތު ދޭނެ ބައެއް ނޫންކަމަށް އަދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީގެ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫ ސިޓީ މީދޫ ގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ ޕްރޮގްރެޒިވް ކޯލިޝަން ކޮންގްރެސް އިން ބޭނުންވަނީ ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ފުރިހަމަ ހައްގާއެކު ވެރިކަން ބަދަލުވެގެން ދިއުންކަމަށެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަންނައިރު ހާއްސަކޮށް އައްޑޫ ރައްޔިތުން ވިސްނަން ޖެހޭނެކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ އިންތިހާބުގައި މީހަކު އައްޔަންކުރާއިރު އެއީ ކާކުކަން ވަރަށް ރަނގަޅަށް ދެނެގެންނަން ޖެހޭކަމަށެވެ. ” ރައީސް ޔާމީން އަކީ ކޮން ބޭފުޅެއްކަން އަޅުގަނޑުމެން އެންމެންށްވެސް އެނގޭ. ރައީސް ޔާމީނަކީ ގައުމިޔަތަށް ލޯބިކުރާ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް ގައުމިއްޔަތު ދިރުވަން މަސައްކަތްކުރައްވާ ބޭފުޅެއް. އެހެންކަމުން ވަކި ފިކުރަކަށް ބެލުމެއް ނެތި ގައުމުދެކެ ލޯބިވާ ކޮންމެ މީހަކުވެސް ރަނގަޅު މީހަކު އިންތިހާބުކުރަންޖެހޭ އެ ބޭފުޅަކީ ރައީސް ޔާމީން” އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މުޅި ރާއްޖެ ބައިބައި ކޮށްލުމުގެ ފުކުރެއް ބަޔަކު ގެންގުޅޭކަމަށާއި އެ ފިކުރު ފެތުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އައްޑޫ ސިޓީއަށްކަމަށެވެ. އަދި 2023 ގައި މުޅި ގައުމު އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.