English Edition
Dhivehi Edition
ވިއްސާރައިގައި އައްޑޫސިޓީގެ ގޭގެއަށް ލިބުނު ގެއްލުންތައް މިނިސްޓަރ އާދަމް ޝަރީފް ބައްލަވާލައްވަނީ

އައްޑޫސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ލިބެމުންދާ ގެއްލުންތައް އޮޅުއްފިލުއްވައި ރައްޔިތުންގެ ޙާލު ބެއްލެވުމަށް ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ، ޢާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު ، އާދަމް ޝަރީފް ޢުމަރު މިސިޓީގެ ގޭގެއަށް ޒިޔާރަތް ކުރައްވައިފިއެވެ. ގޭގެއަށް ވަޑައިގެން ޙާލަތު އޮޅުއްފިލުއްވުމަށްފަހު އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ވިއްސާރައިގައި އައްޑޫގެ ގެތަކަށް ފެންވަދެ ހިފައިގެންގުޅޭ ސާމާނާއި އަގުބޮޑު މުދާތަކަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

ވަޒީރު އައްޑޫއަށް ވަޑައިގެންނެވީ މިހާރު އައްޑޫސިޓީގައި ކުރިއަށްދާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިދާރީ ގޮތުންނާއި، މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމައްޓަކައި ބާއްވާ ” ފަނޯއްލަ ” މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީގެ ފަސް ރަށެއްގެ 97 ގެއަކަށް ފެން ވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެޑީއެމްއޭ)އިން ޢާންމު ކުރި ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މަރަދޫގައި 13 ގެއެއްގައި ފެންބޮޑުވީނަމަވެސް މިހާރު އެ ގެތަކުގައި ފެންހިއްކައި އާންމު ހާލަތައް ރުޖޫއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ހާމަކުރެއެވެ.އަދި މަރަދޫފޭދޫގައި 5 ގެއަކަށް ފެންވަދެފައިވާއިރު، އެއް ގެއަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާކަމަށާއި، އެގެއަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެއިދާރާއިން ބުނެއެވެ.

މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ ފޭދޫއަށެވެ. އެގޮތުން ފޭދޫގެ 60 ގެއަކަށް ފެން ވަދެފައިވެއެވެ. ވިއްސާރައިގައި ހިތަދޫގެ 9 ގެއެއްގެ ގޯތިތެރޭގައި ފެންބޮޑުވެގެން އެހީފޯރުކޮށްދީފައިވާކަމަށް އެޑީއެމްއޭ ހާމަކުރެއެވެ. އޭގެ އިތުރުން ހުޅުދޫގެ 10 ގެއެއްގައިވެސް ފެންބޮޑުވެފައިވެއެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި ފެން ހިންދުމާއި، މަގުތަކުގައި ކޯރުކެނޑުމާއި ވެލި ބަސްތާ ޖެހުމުގައި ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން އާރުޑީސީ އާއި އަމިއްލަ ފަރުދުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މިމަސައްކަތުގައި ދިވެހި ރެޑްކްރެސެންޓާއި ސިފައިންނާ ފުލުހުން ވެސް ހަރަކާތްތެރިވަމުން ދެއެވެ.