English Edition
Dhivehi Edition

ރައްޔިތުން ވޯޓު ދީގެން މިހާރު ގެނެސްފަ އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ރައްޔިތުން އެންމެ އެދޭ ގޮތަށް ސަރުކާރު ނުހިންގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޮންޑޭ ވިދާޅުވީ މިވަގުތު ރާއްޖެއަށް އެންމެ ބޭނުންވަނީ ދުވަހުން ދުވަހަށް ސަރުކާރު ހިންގޭނެ ފަދަ ފުރިހަމަ ނިޒާމެއް ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއިދުކުރައްވާކަން ހާމަކުރައްވަމުން ބޮންޑޭ ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ސޮއި ހޯދުމުގެ މަސައްކަތް އެކި ސަރަހައްދުތަކުގަ ފޯކަލް ޕޮއިންޓްތައް ހަދައިގެން، މުޅި ރާއްޖޭގަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް 100 ދުވަސް ތެރޭ މި ޕެޓިޝަނަށް 100،000 މީހުންގެ ސޮއި ހަމަކުރުންކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި އޮންލައިންކޮށްވެސް މި ޕެޓިޝަނުގައި ސޮއިކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ބޮންޑޭ ވިދާޅުވެފައިވާއިރު، މި ޕެޓިޝަނަށް ސޮއި ހަމަކުރުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅުމަށްވަނީ ނިންމާފައެވެ.