English Edition
Dhivehi Edition
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ރައީސް މުއިއްޒުގެ ވެރިކަން ފެށުނުފަހުން ކޮންމެ ދުވަހަކުވެސް, ވަރަށް ގިނަ އަދަދަކަށް ބަނގުލަދޭޝް މީހުން ރާއްޖެއަށް އެތެރެވާކަން ފާހަގަކުރެވިފައިވާކަމަށާއި, ރާއްޖެއަށް ބަނގުލަދޭޝް މީހުން ގެނައުމަށް ގާނޫނީގޮތުން އޮންނަ ކޯޓާއާށްވުރެ އިތުރަށް ރާއްޖެއަށް ބަނގުލަދޭޝް މީހުން އެތެރެވެފައިވާކަން ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަތަކުން ހާމަވެއްޖެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން ގާނޫނު ބުނާގޮތުން ކޮންމެ ގައުމަކުންވެސް ދިވެހިރާއްޖެއަށް މަސައްކަތްތެރިންގެ ގޮތުގައި އެތެރެވެވޭނީ އެއް ލައްކަ މީހުންނެވެ. ނަމަވެސް, ބަނގުލަދޭޝް އިން އެއްލައްކަ މީހުންނަށްވުރެ އިތުރަށް އެތެރެވެފައިވާކަން ފާހަގަކުރެވޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ ކޮވިޑް ތެރެގައި ބަނގުލަދޭޝް މީހުންނާއި ދިވެހި ފުލުހުންނާއި ކުރިމަތިލުމެއް ކުރިއަށް ދިޔަކަމަށާއި, އެ ކުރިމަތިލުމުން ދޭހަވީ ކަމަކީ ވެސް ގިނައަދަދެއްގެ ބަޔަކު އެއްވެސް ގައުމަކުން އެތެރެވެއްޖެނަމަ ރާއްޖޭގެ އަމާންކަމަށް ނުރައްކާވާނެކަންކަމަށެވެ. ރާއްޖެއަށް އެތެވެފައިވާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަކީ ވަރަށް ފަސޭހަކަމެއް ނަމަވެސް, އެ މަސައްކަތައްވެސް އެއް އަހަރު ދުވަސް ހޭދަވާނެކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު ވަނީ ހާޒިރުކޮށް މެންބަރުންގެ ސުވާލުތައް ކުރިމަތިކުރުވާފައެވެ. ހޯމް މިނިސްޓަރާއި މެންބަރު ބޮންޑޭ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިހުސާން ބުދަ ދުވަހު ވިދާޅުވެފައިވަނީ, ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއް އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރައްވާނެކަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި ބަންގްލަދޭޝް މަސައްކަތްތެރިންނަށް އެއްލައްކަ ތިރީސް ފަސް ހާސް އެއްސަތޭކަ ސާޅީސް ނުވަ ޕާމިޓް ގައި ބިދޭސީން ދިރިއުޅެމުން އަންނަކަމަށެވެ. އެކަމަކު، އޭގެ ތެރެއިން ގަވާއިދުން ފައިސާ ދައްކައި ގަވާއިދާ އެއްގޮތަށް އަމަލުކުރަނީ އެންމެ ތިރީސް ނުވަ ހާސް ހަތަރު ޕާމިޓު ހޯލްޑަރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ދަފުތަރު އެކުލަވައިލުމަށް ފަހުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދާ އެއްގޮތްވާން ފުރުސަތެއް ދޭނެ ކަމަށެވެ. އަދި، އެއަށް ފަހުގައި ގަވާއިދާ ހިލާފަށް ތިބި އެންމެން އަނބުރާ ގައުމަށް ފޮނުވައިލާނެ ކަމަށް މިނިސްޓަރު ބުދަ ދުވަހު މަޖިލީހުގައި ވިދާޅުވެފައިވެއެވެ.